ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން މުދާ ގަތުމަށް ފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕް ހަދައި ވައިބާ ކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުން ދާ މައްސަލަތައް ފެންމަތިވަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފޭކް ޓްރާންސްޕާ ސްލިފު ފޮނުވުން އިތުރުވާތީ އެފަދަ ކަންކަމަކީ ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމެއް ކަމަށެވެ. ފުލުހުންނަށް ލިބިފައި ވާ މައުލޫމާތަށް ބަލާ އިރު، އެ ފަދަ މީހުން އެކަން ކުރާ ކަން ފާހަގަ ކުރެވިފައި ވަނީ އެޑިޓް ކޮށް ހަދާފައިވާ ސައްހަ ނޫން ސްލިޕެއް، އެ ސްލިޕްގެ ތާރިހާއި ވަގުތާއި އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓް ކޮށްގެންނެވެ.

އެ ސްލިޕްގައި ޖަހާފައި ވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށް ވާ ތަކެތި ނަގަން ފިހާރައަށް ގޮސް ވިޔަފާރި ކުރުމަށް ފަހު ފައިސާ ދައްކަން ބުނުމުން، ފައިސާވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބާ ކޮށްފައި ވާ ކަމަށް ވައްކަން ކުރަން ދާ މީހާ ބުނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެކަން އެހެން ހިނގާ އިރު، ސްލިޕް ވައިބާ ކޮށްފައި އޮންނާތީ ސޭޓު ވެސް އެކައުންޓް ނުބަލާ ކަމަށެވެ. އަދި އެކައުންޓްގެ ނަންބަރު ރަނގަޅުތޯ ވެސް ކަށަވަރުކޮށް ނުލާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެފަދަ ގޮތަކަށް ވައްކަން ކުރާ މައްސަލަތައް އިތުރުވަމުން ދާ ކަމީ ސަމާލުކަން ދޭން ޖެހިފައިވާ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ވައްކަން ކުރާ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަން ކުރުން ވެސް ތަރައްގީ ކުރަމުން ދާއިރު، މަކަރުވެރިންގެ އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ލޯ ހުޅުވައިގެން ތިބެން ޖެހޭ ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުން ކުރި ނަމަވެސް އެފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުން ވަރަށް މުހިންމު ކަމަށެވެ.