ބޭންކް އޮފް މޯލްޑިވްސް 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހދ. ކުރިނބީގައި ކަސްރަތުކުރަން ހާއްސަކޮށް އައުޓްޑޯ ޖިމް އެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެ ޖިމް އަކީ ކުރިނބީގެ ރައްޔިތުންނަށް ދުޅަހެެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން އާދަމް ޝަޒީމް އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމަންޓް އިން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.

ކުރިނބީގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި ހުޅުވުނު އެ ޖިމްގައި ކަސްރަތު ކުރުމަށް ތަފާތު 7 އައުޓްޑޯ އިކުއިޕްމަންޓް ހުންނާނެ ކަމަށް ބީއެމްއެލް އިން ވަނި ބުނެފައެވެ. އޭގެ ތެރެއިން 3 މެޝިނަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފޯރުކޮށްދީފައިވާ ތަކެތި ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގްބަލުގައިވެސް ފައިދާ ކުރާނެ ޕްެރޮޖެކްޓްތަކަކަށް ވުމަކީ މުހިންމުކަމެއް. ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމަކީ ވިލުފުށީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް. ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން.
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު

ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އާދަމް ޝަޒީމް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ބޭނުމަކީ އެ ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި ކަސްރަތަށް އަހުލުވެރިކުރުވުން ކަމަށެވެ. އަދި އެ ރަށުގައި ކަސްރަތު ކުރުމަށް ސަރަހައްދެއް ގާއިމްވެފައި ނުވާތީ ގިނަ ފަރާތަކަށް ކަސްރަތު ކުރުން ވަނީ ދަތި އުދަނގޫ ކަމަކަށްވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކަށްވީ ހިތުގެ ބަލި، ޑައިބެޓިކްސް، ޕްރެޝަރު މަތިވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަދި އަމިއްލައަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމަށް އެހީވުން. މިއީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ވެސް ހާއްސަ ޖިމް އަކަށް ވާނެކަމަށް އުއްމީދުކުރަން. މި މަސައްކަތައް ރަށުގެ ރައްޔިތުންނާއި ކުރިނބީ ޔޫތް މޫވްމަންޓުގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތައް ހާއްސަ ޝުކުރުރެއް އަދާކުރަން.
ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އާދަމް ޝަޒީމް

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބީއެމްއެލް އިން ތައާރަފްކުރި އެ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.