ރާއްޖޭގެ ސްކޫލެއްގައި ތައުލީމު ހާސިލް ކުރަމުން އަންނަ ފިރިހެން ކުއްޖަކު، އޭނާއާ އެއް އުމުރު ފުރައެއްގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން ޖެންޑާ އަށް ހުށަހަޅާފައި ވާ ކަމަށާއި މިހާރު އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ކުރި ޓްވީޓަކަށް ޖަވާބުދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސް ފައިވާ ކަމަށާއި އަދި އެފަދަ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތައް ކަމަށެވެ.

އަދި އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު މައްސަލަ ބަލަމުން އަންނަ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ޗެޓު ލޮގްތަކުގައި އެ ފިރިހެން ކުއްޖާ ވަނީ، އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް އެއްބަސް ވެފައެވެ. އަދި އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މަސައްކަތް ކުރަމުންނެވެ.