"ހިޔާ" މަޝްރޫއުގެ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ H7 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިއުލާނުކުރާނެ ކަމަށެވެ.

H7 ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާނީ ފޯމު ހުށަހަޅާ ތާރީހާ ހަމައަށް މީލާދީގޮތުން 18 އަހަރު ފުރި، 30 އެޕްރީލް 2018 އަށް މީލާދީގޮތުން 41 އަހަރު ފުރިފައިނުވާ، ކައިވެނިކޮށްގެން އުޅޭ ދިވެހީންނަށެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ވަގުތީ ދެ ލިސްޓެއް އާންމު ކުރިއިރު، ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓު ވެސް ވަނީ އާންމުކޮށްފައެވެ.

H7 vaguthee list 1

H7 vaguthee list 2

ޝަރުތު ހަމަނުވާ މީހުން H7

އެ ލިސްޓުތަކުގައި ފްލެޓަށް ހުށަހެޅި މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް ވަނީ ހިމަނައިފަ އެވެ. އެ ކެޓަގަރީއަށް 7808 މީހަކު ޝަރުތު ހަމަވެއެވެ. އަދި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 1248 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެއެވެ.

"ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ 3:00ގެ ނިޔަލަށް ހުޅުވާލެވޭނެއެވެ.

ލިސްޓަށް ޝަކުވާ ހުށަހަޅާނީ މި ލިންކުންނެވެ.