މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ 8 މިލިއަން ރުފިޔާގެ ވައްކަން ކުރުމުގައި އެމްޕީއެލްގެ މުވައްޒަފުން ތަކެއްގެ އިތުރުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް ހިމެނޭ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެ ކުންފުނިން ހެދި ރިޕޯޓުތަކުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ 4 މަސް ދުވަހުގެ ތެރޭގައި ބޭނުން ކޮށްފައިވާ ތެޔޮގެ އަދަދު ވަނީ އޮޕަރޭޝަންގެ މަސައްކަތާ އަޅާ ބަލާއިރު މާ މަތީގައި ކަމަށެވެ. އެހެންކަމުން އިންޓާނަލް އޮޑިޓެއް ހެދުމަށް ނިންމި ކަމަށާއި މީހާރު އޮޑިޓްގެ މަސައްކަތް ކުރިއަށް ގެންދާތާ މަހެއްހާ ދުވަސްވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮޑިޓުން ފާހަގަ ކުރެވުނު ކަންކަން ހިއްސާކުރަމުން ޝާހިދު ވިދާޅުވީ، ބައެއް ޑޮކިއުމަންޓްތައް ފޯޖް ކުރެވިފައި އެބަހުރި ކަމަށެވެ. އެގޮތުން މިހާރު ފެނިފައި ހުރި އެފަދަ ލިޔެކިޔުންތަކަށް ބަލާއިރު އެމްޕީއެލްއަށް ނުލިބޭ ތެލެއް ލިބުނު ކަމަށް ފެންނަން އެބަހުރި ކަމަށާއި އެ ކަމަކީ ފިއުލް ސަޕްލައިގެ ބަޔަކާ ގުޅިގެން ކޮށްފައިވާ ކަންކަން އެގެން އެބަހުރި ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ކުންފުންޏަށް ނުލިބޭ ތެލެއް ލިބުނު ކަމަށް ހެދިފައި އެހުރީ ފިއުލް ސަޕްލައިގެ ބަޔަކާ ގުޅިގެން ކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވޭ. އެ ތުހުމަތު ޔަގީނާ އެއްވަރަށް އެބަހުރި ޑޮކިއުމަންޓް ފެނިފައި،"
ޝާހިދު އަލީ

އެމްޕީއެލްގެ ތެރެއިން މި އަމަލު ހިންގާފައިވާ ކަމަށް ޝައްކު ކުރެވެނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ދަށުގައި ހުންނަ ސްޓޯރުގައި ތިބޭ މުވައްޒަފުންތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ ސްޓޯރުގައި ތިބި މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފެއް ބަޔާން ދިން އިރު އެކަމަށް އިއުތިރާފްވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް ހެދި އޮޑިތޫން ފެންނަން ހުރި ފޯޖް ޑޮކިއުމަންތްގެ ތެރެއިން 8 މިލިއަން ރުފިޔާގެ ވައްކަމެއް ކޮށްފައިވާ ކަމަށް ބެލެވުނަސް ސީޑާ އަދަދު އެނެގޭނީ އަދި އިތުރަށް ތަހުގީގު ކޮށްގެން ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން އޮޕަރޭޝަންގެ މަސައްކަތައް ވެހިކަލްތަކުން ބޭނުންކޮށްގެން އަނދާފައި ވަނީ ކިހާ ތެލެއްތޯ އާއި ފިއުލް ސަޕްލައިން ސަޕްލައި ކޮށްފައި ހުރިކަމަށް ބުނާ ތެލުގެ އަދަދު އަޅާކިޔައި ވެރިފައި ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޝާހިދު ވިދާލުވިއެވެ.

އެހެންކަމުން މި މައްސަލަ ފުލުހަށާއި އޭސީސީއަށް ހުށަހަޅަން ބޯޑުން ނިންމީ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ލޮކްޑައުންގެ ހާލަތާ ގުލީގެން ޑިޖިޓަލްކޮށް ލިޔެކިޔުންތައް ގެންގުޅެން ނިންމި ނިންމުން ބަދަލުކުރުމަށް ވެސް ބޯޑުން ނިންމި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝަހިދު ވިދާޅުވީ، އެމްޕީއެލްއަކީ ލޮކްޑައުންގެ މުއްދަތުގައި ވެސް 24 ގަޑިއިރު މަސައްކަތް ކުރަމުން އައި މުއައްސަސާއެއް ކަމަށެވެ. ކޮވިޑްގެ ހާލަތާއެކު ރާއްޖޭގެ އިގްތިސޯދަށް އައި ހީނަރުކަމާ އެކުގައި ވެސް ރާއްޖެއަށް ކަނޑުމަގުން އެތެރެވާ މުދާ މަދުވެފައި ވީ ނަމަވެސް އެ މުއްދަތުގައި ވެސް އެ ކުންފުނީގެ އޮޕަރޭޝަންސް ކުރިއަށް ގެންގޮސްފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އޮޕަރޭޝަންގައި ބޭނުން ކުރެވެނީ ގިނައިން ހެވީ ވެހިކަލަ ކަމަށް ވާތީ އެކަމަށް އެންމެ ގިނައިން ބޭނުން ވަނީ ތެޔޮ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. ތެޔޮ އެޅުމުގައި ރިކުއެސްޓިން ޑިޕާޓްމަންޓުގެ ރިކުއިޒިޝަންއާ އެއްގޮތަށް ފިއުލް ސަޕްލައިގައި ތެޔޮ އަޅަން އެދޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުގައި އެމްޕީއެލްގައި އޮޕަރޭޝަންސް މުވައްޒަފުން ވަނީ ވަރަށް ބޮޑު ތަނުން މަދުކޮށްފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތަށް ބަދަލު ކުރީ ކޮވިޑް ހާލަތުގައި ކޮންޓެކްތްވާ މީހުންގެ އަދަދު މަދުކުރުމަށާއި އޮޕަރޭޗަންގެ ހަރަދަު ކުޑަކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހާލަތަށް ބަދަލުވި އިރު ލިޔެކިޔުންތައް ހޯދުމާއި ލިބިގަތުމުގައިވެސް ބައެއް ކަންކަން ޑިޖިޓަލް ކުރެވިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ހޯދަން އެހެން ކުންފުނިތަކާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތާ ގުޅިގެން ޚިޔާނާތުގެ ތުހުމަތު ފެންމަތިވި މީވީ އަލަކަށް ނޫނެވެ. ތެލުގެ ވިޔަފާރީގައި ކޮންމެވެސް ދިމާލަކުން "ލީކެއް" ހޯދައި ގޯސްތަކެއް ހަދާފައިވާ މައްސަލަތައް މީގެ ކުރިން ވެސް މުއައްސަސާތަކުން ބެލިއެވެ. އެއް މައްސަލައަކީ މެރީޑިއަމުން އެމްޕީއެލަށް ތެޔޮ ސަޕްލައިކޮށްދޭ ވަރަށް ވުރެން އެތައް ގުނަ އިތުރަށް ބިލް ހަދައި އޮޅުވާލައިގެން ފައިސާ ހޯދި ކަމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ތުހުމަތު ކުރީ އެމްޕީއެލް އަށް މަހަކު 60،000 ލީޓަރުގެ ތެޔޮ ވިއްކަން އެއްބަސްވެފައި ވަނިކޮށް، މެރީޑިއަމުން މަހަކު 160،000 ލިޓަރުގެ ތެޔޮ ވިއްކާ ކަމަށް އެމްޕީއެލަށް ބިލް ކުރުމެވެ. މި ތުހުމަތު މެރީޑިއަމުން ދޮގުކޮށްފައި އޮތަސް އޭސީސީން ވެސް މައްސަލަ ބެލިއެވެ. މި މައްސަލަ ދިމާވެ، އަމިއްލަ ފަރާތްތަކުން ތެޔޮ ގަތުން ހުއްޓާލައި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ވެސް އެމްޕީއެލް އިން ތެޔޮ ގަންނަނީ އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިންނެވެ.