މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބުގައި ވޯޓުލެވެނީ 199 މީހަކަށް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ. އެގޮތުން އެމްއެމްސީގެ އިންތިހާބުގައި 199 މީހަކަށް ވޯޓު ލެވޭ އިރު ހޯމް މިނިސްޓްރީން ބުނީ ވޯޓުލާން ރަޖިސްޓަރީ ކުރި ފަރާތްތަކުން ވޯޓުލާން ދާ އިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ލައިސަންސް ކާޑު ނުވަތަ ޕާސްޕޯޓު ހިފައިގެން ދިއުމުން ވޯޓުލުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހު، ހެނދުނު 11:00 ން 12:00 އަށް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ ބައި ބާ ޖަމާލުއްދީން ސްކޫލްގައެވެ.
އޭގެ އިތުރުން ވޯޓުލާން ރަޖިސްޓާކޮށްފައިވާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީން ކޮށްފިނަމަ ވޯޓުލާ ވަގުތުގެ 24 ގަޑިއިރު ކުރިން އެ ފަރާތުގެ ބަދަލުގައި އެހެން މީހެއްގެ ނަން ހުށަހެޅިދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަން ހުށަހަޅަން ޖެހޭނީ ކުރިން ރަޖިސްޓަރީކުރި މީހާއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ދީފައިވާ ލިއުމާއި، ބަދަލުގައި ރަޖިސްޓަރީކުރާ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނޭ ނަމްބަރު އަދި ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ އެއް ކަރުދާސްކޮށް މަސްއޫލުވެރިޔާ ސޮއިކޮށްފައިވާ ސިޓީއެއް މިނިސްޓްރީގެ އީމެއިލް އަށް ހުށަހަޅައިގެން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފަހަރުގެ އިންތިހާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 15 ފަރާތަކުން ކުރިމަތިލާފައި ވާއިރު މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައި ވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ.