ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ޗައިނާ އާއެކު ގާތްކޮށް މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށާއި ތަރައްގީގެ ކަންކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވަނީ ޗައިނާއަކީ ރާއްޖެއަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި ޗައިނާ އާއެކު އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މި މަހުގެ 18 ވަނަ ދުވަހު ވަނީ ޗައިނާގެ ސަފީރާ ބައްދަލު ކުރައްވާފައެވެ. އަދި ޗައިނާގެ ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއިތައް މިނިސްޓަރު ވަނީ ދަންނަވާފައެވެ.
އެ ބައްދަލުވުމަށް ފަހު ޗައިނާ ސަފީރު ވިދާޅުވެފައި ވަނީ ރަހުމަތްތެރިންނަކީ ބޭނުން ޖެހިފައިވާ ވަގުތު، އެހީވާ މީހުން ކަމަށާއި ރާއްޖެ އާއި ޗައިނާއާ ދެެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް، އެގައުމުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ޗައިނާއިން ފަސްކޮށްދީފައި ވަނީ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ރާއްޖެއަށް ދޫކޮށްފައިވާ ލޯންތަކަށެވެ.
ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް އަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ. ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތައް ވެސް އޭގައި ހިމެނެއެވެ. އެހެންކަމުން ޗައިނާއިން ދޫކޮށްފައިވާ ބައެއް ލޯނުތައް ދެން ދައްކަން ޖެހޭނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ފަހުންނެވެ.