އައްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ދަރިވަރުންގެ ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން (އައިއީ) ޕްލޭންއެއް ހެދުމަށްފަހު ހުށަހަޅަން ދިން މުއްދަތު ހަމަވިއިރުވެސް އެ ޕްލޭން ހުށަހަޅާފައި ނުވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ފްލައިންގް ސޫކުލުގައި މިވަގުތު މަތީ ތައުލީމާ ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާ އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމަށް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މަސައްކަތު 20 ދުވަހުގެތެރޭގައި އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށް ބުނެފައި ވާނެ ކަމަށެވެ. އެ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އެ ސްކޫލުން ޕްލޭން ހުށަހަޅާފައި ނުވާ ކަމަށާއި އެ ކަން މިހާރު ސިވިލް އޭވިއޭޝަންއަށް ހިއްސާ ކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިގޮތަށް އެ މިނިސްޓްރީން އެދިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މަސައްކަތު 20 ދުވަސް ތެރޭ ހުށަހަޅަން ޖެހޭ އިރު އެ މުއްދަތު ހަމަވާނީ މި މަހުގެ 25 އާ ހަމައަށެވެ.
މީގެ އިތުރުން، ހަޔާ އެޑިއުކޭޝަނުން ބުނީ، ފްލައިން ސްކޫލުގެ މައްސަލަ ބަލަމުން ދާނީ އެ އޭވިއޭޝަންގެ އިހްތިސޯސްގެ ތެރެއިން ކަމަށާއި މިހާރު ފްލައިން ސްކޫލްގެ މައްސަލަ އެ އޭވިއޭޝަނުން ތަހުގީގު ކުރަމުންދާ ކަަމަށެވެ.
ފްލައިންގް ސްކޫލަށް ހަޔާ އެޑިއުކޭޝަނުން އެންގި ކަންކަން ފުރިހަމަ ކޮށްފައި ނުވާއިރު މިހާރު އެ ސްކޫލުން ދަނީ ބައެއް ދަރިވަރުން ސްކޫލުން ވަކިކުރަމުންނެވެ. އެ ސްކޫލާ ގުޅޭ ގޮތުން އެތައް ދަރިވަރުންތަކަކާއި ބެލެނިވެރިންތަކެއް މައްސަލަ ޖައްސާފައިވާ އިރު އެ މައްސަލަ އޭވިއޭޝަނުން ތަހުގީގު ކުރަމުންދާ މި ދަނޑިވަޅުގައި ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރަމުން ދާ ނަމަ އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިއްޔެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.
މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ފެށުނީއްސުރެވެސް ފްލައިން ސްކޫލްގެ މިފަދަ މައްސަލަތަކެއް އޮތް އިރު ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލަށް ވެފައި މިފަދަ ކަންކަމަށް ފިޔަވަޅު ނާޅާ މައްސަލަ ހައްލު ނުކުރެވި އޮތުމުން ގިނަ ބަޔަކުވަނީ ސިވިލް އޭވިއޭޝަނާއި ޓްރާޏްސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ..
މީގެ ކުރިން ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. މިހާރު މި މައްސަލަ ސިވިލް އޭވިއޭޝަން އާއި، އޭޑިއުކޭޝަންއާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ އިރު މި މައްސަލަ ދަނީ އެތަންތަނުން ބަލަމުންނެވެ.