ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާ މަރުވުމުގައި އޭނާގެ ޑޮކްޓަރު ލިއޮޕޯލްޑޯ ލޫގޭގެ އިހްމާލެއް ވޭތޯ ބެލުމަށް އާޖެންޓީނާގެ ފުލުހުންގެ ޓީމަކުން ތަހުގީގެއް ފަށައިފިއެވެ.

މިމަހުގެ ކުރީކޮޅު ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ކުރި އުމުރުން 60 އަހަރުގެ މެރަޑޯނާ މަރުވީ މިދިޔަ ބުދަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ވަޅުލާފައިވަނީ އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އޭރިސްގެ ރަށް ބޭރުގައި އޮންނަ ސަހަރާއެގައި ބުރާސްފަތި ދުވަހުއެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މެރަޑޯނާގެ މަރަށް ފަހު އޭނާގެ ޑޮކްޓަރާ ދެކޮޅަށް ތަހްގީގެއް ހިންގަން ފަށާފައިވަނީ މެރަޑޯނާގެ އާއިލާއިން ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރި މަޢުލޫމާތާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. ހާއްސަ ގޮތެއްގައި އޭނާގެ ތިން އަންހެން ދަރިން ވަނީ މެރަޑޯނާގެ ހިތުގައި ހުންނަ މައްސަލަތަކަށް އެކަށީގެންވާ ފަރުވާ ދީފައި ނުވާ ކަން ފާހަގަކޮށްފައެވެ.

ޑރ. ލޫގޭއާ ދެކޮޅަށް ހިންގާ ތަހުގީގުގެ ތެރެއިން އިއްޔެ ވަނީ ބޮއިނަސް އޭރީސްގައި ހުންނަ އޭނާގެ ގެއާ އޮފީސް ފުލުހުން ރޭޑުކޮށްފައެވެ. މި ގޮތުން ތިރީހަކަށް ފުލުހުން އޭނާގެ ގެ ބަލާ ފާސްކުރި އިރު އަނެއް 30 ފުލުހުން އޮފީސް ބަލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ޑރ. ލޫގޭއާ ދެކޮޅަށް ހިންގާ ތަހުގީގަކީ ގަސްތުގައި ނޫން ގޮތަކަށް މީހަކު މަރާލި ކަމުގެ ކުށާ ގުޅޭ ތަހްގީގެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީއަށް އުފުލާ ދިނުމުގައި އިސް ރޯލެއް ކުޅުނު މެރޮޑާނާގެ ހަނދާނުގައި މި ހަފްތާ ބަންދުގައި ކުޅުނު ފުޓުބޯޅަ މެޗުތަކުގައި ވަނީ އެއް މިނެޓްގެ ސުކޫތެއް ބާއްވާފައެވެ.

ރޭ ސްޕެނިޝް ލަލީގާ ބާސަލޯނާއާ އޮސަސޫނާ ކުޅުނު މެޗުގައި މިވަގުތު ފުޓްބޯޅަ ކުޅެމުންދާ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލަޔަނަލް މެސީގެ ފަރާތުން ވެސް ވަނީ މެރަޑޯނާއަށް ހާއްސަ ޓްރިބިއުޓެއް ދީފައެވެ. މިގޮތުން، މެޗުގެ 73 ވަނަ މިނެޓްގައި ބާސާއަށް ލަނޑު ޖަހާ ދިން މެސީ ވަނީ އޭނާ ލައިގެން ހުރި ޖާޒީ ބާލާ މެރަޑޯނާ ކުރިން ކުޅުނު ނިއުވެލްސް އޯލްޑް ބޯއިސްގައި އޭނާ ލީ 10 ނަންބަރު ޖާޒީ ދައްކާލާފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެތަށް ފަހަރެއްގެ މަތިން ހޯދާފައިވާ މެސީއަކީ ވެސް އެކްލަބުން އުފަންވެގެން އައި ކުޅުންތެެރިއެކެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ މެރަޑޯނާއަށް ދިން 'ޓްރިބިއުޓް'/ ފޮޓޯ: ޓުވިޓާ

މެރަޑޯނާގެ ކުޅުމުގެ ހަޔާތުގައި ދެބައިކުޅަ އެއްބައި އޭނާ ވަނީ މަސްތުވާތަކެތިގެ ޝިކާރައަކަށް ވެ އެކަމާ ހަނގުރާމަ ކޮށްފައެވެ. 1991 ވަނަ އަހަރު އޭނާ ކުރި ޑްރަގް ޓެސްޓް ޕޮޒިޓިވް ވެ 15 މަސް ދުވަހަށް ކުޅުން ވެސް މަނާ ކުރިއެވެ.

މެރަޑޯނާ ފުޓްބޯޅަ ކުޅެން ހުއްޓާލާފައި ވަނީ 1997 ވަނަ އަހަރު އޭނާގެ 37 ވަނަ އުފަން ދުވަހުއެވެ.