ވ. ރަކީދޫގައި މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރަށް 5 އަހަރު ވެފައިވާއިރު، އެ މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފިއެވެ.
އެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފައި ވަނީ އެކަމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. އެގޮތަށް ނިންމާފައި ވަނީ އާފިޔާ ވަކީލަކާއެކު ކުރިއަށް ދާން ބޭނުންވެ، ހުކުމް އިއްވުން ފަސްކޮށް ދިނުމަށް އެދުމުންނެވެ. އޭނާގެ އެދުމަށް ދައުލަތުން ވަނީ ވަކީލެއް ހަމަޖައްސާދީފައެވެ.
ދައުލަތުން އާފިޔާއަށް ހަމަޖައްސައިދިން ވަކީލާ ރުކްޝާނާ އިބްރާހިމް ވިދާޅުވީ، މި މައްސަލާގައި އާފިޔާ ބޭނުން ވަނީ ހުރިހާ ލިޔެކިއުމެއް އަލުން ދިރާސާ ކުރުމަށްފަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ކަމަށެވެ. އެހެން ކަމުން އޭނާއާސް އެކަން ކުރުމަށް ޝަރީއަތުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
އިބްތިހާލް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އިބްތިހާލްގެ ހަށިގަނޑު ބެލި ޑޮކްޓަރު ދެއްވި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނޭވާ ހާސް ކުރުމުގެ ގޮތުން ކަރުގައި ހިފާފައި ހުރި ކަމަށް ބެލެވޭ ނިޝާންތަކެއް އެކުއްޖާގެ ކަރުން ފެންނަން ހުރި ކަމަށާއި އެކުއްޖާގެ ކަނާތްފަރާތު ނިތްކުރިއާ ދިމާލުން ބައެއް ދުޅަވެފައި ހުރި ކަމަށް ވެއެވެ. އަދި އިބްތިހާލްގެ މޫނުމަތީގައި އެކިވަރުގެ ކުދި ޒަހަމްހުރި ކަމަށާއި ކަނާތު ކަންފަތުގައި ފާރުގަނޑެއް ހުރުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެކިފަހަރުމަތިން ލިބިފައިވާ އަނިޔާގެ ލަކުނުތައް ފެންނަން ހުރި ކަމާއި މޭކަށިތަކުން ބައެއް ކަށިތައް ބިންދައިގެން ގޮސްފައިހުރިކަން ފާހަގަ ކޮށްފައިވެއެވެ.
އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އިބްތިހާލު މަރުވީ އަނިޔާ ކުރުމުން ކަމަށް އާފިޔާ ވަނީ ކުރިން ޝަރީއަތުގެ މަޖިލީހުގެ އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން އިބްތިހާލަށް އެއްވެސް ގޮތަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި މީގެ ކުރީގެ އަޑުއެހުންތަކުގައި އަނިޔާކުރާކަމަށް ބުނެފައި ވަނީ ޖަލު އޮފިސަރުން މަރުގެ އިންޒާރުދިނުމުން ކަމަށް އާފިޔާ ބުނެފައި ވެއެވެ.