އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުން އިތުރު 15 ދަރިވަރަކު ވަކިކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރަކު ބުނީ އިއްޔެ އާއި މިއަދު ސްކޫލުން އެ ދަރިވަރުންނަށް ފޮނުވި މެއިލްތަކުގައި ވަކިކުރި ސަބަބެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސްކޫލުން ގަބޫލުކުރާ މިންވަރަށް ކޯސް ކުރިއަށް ގެންގޮސްފައި ނުވުން ކަމަށެވެ.
އެގޮތުން ބައެއް ކުދިންނަށް ފޮނުވި މެއިލްގައި "ޕޭމެންޓް ޕްލޭން" އެއް ހެދުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންކަހަލަ ޕޭމެންޓެއް ކަމެއް އެނގިފައި ނުވާ ކަމަށް އެ ދަރިވަރު ބުނެއެވެ. މީގެ އިތުރުން ބައެއް ދަރިވަރުން ވަކިކޮށްފައި ވަނީ އިންޒާރުގެ މެއިލްވެސް ދިނުމަކާއި ނުލާ ކަމަށް އެ ދަރިވަރު ބުނެއެވެ.
މީގެ އިތުރުން އެ ދަރިވަރު ބުނީ ސްޕޮންސާގެ ދަށުން ކިޔަވަމުންދާ ދަރިވަރަކުވެސް ވަކިކޮށްފައިވާ ކަމަަށާއި ފައިސާ ދެއްކުމަށް ސްޕޮންސާ ލެޓާ ހިފައިގެން ދިއުމުންވެސް ބަލައިގެންފައި ނުވާ ކަމަށެވެ.
ވާހަކަ ދެއްކި ދަރިވަރު ބުނި ގޮތުގައި އިތުރަށް 15 ކުއްޖަކު ކަނޑާލުމަށް ލެޓާ ދީފައިވެއެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވެސް އެ ސްކޫލުގެ ދަރިވަރަކު ވަނީ ވަކިކޮށްފައެވެ.
ސިވިލް އޭވިއޭޝަންން އޮތޯރިޓީގެ އިހްތިސޯސްގެ ތެރެއިން އެކަން ބަލުން އަންނަ އިރު، އިއްޔެ ރޭ ސިލިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓްރު އެ ދަރިވަރުންނާ ބައްދަލުކޮށްފައިވާ ކަމަށާއި ކުރިންވެސް ތަކުރާރުކޮށް ދައްކަމުން އައިސްފައިވާ ވާހަކަތައް އަނެއްވެސް ކިޔާދީފައިވާނެ ކަމަށް އެ ދަރިވަރު ބުނެއެވެ.
ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައިގައި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އަދި 86 ދަރިވަރުން ވަނީ ސްކޫލުގެ މައްސަލަތައް ހިއްސާކޮށް ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. ޕެޓިޝަންގައި ސޮއިކުރި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ސްކޫލުން ވަކިކުރަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިކަން ނުކުރުމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެ ސްކޫލުގެ ފަރާތުން ވަނީ އިންޒާރުގެ މެއިލްތަކެއް ވަނީ ކޮށްފައެވެ.
ޕެޓިޝަންގައި ބައިވެރިވި ދަރިވަރުންނަށް ފޮނުވި އިންޒާރުގެ މެއިލްތަކުގައި ވަނީ 3 މަސް ދުވަސްހާ މުއްދަތެއްގެ ތެރޭގައި ހުރިހާ އިމްތިހާނެއް ނިންމުމަށް އަންގާފައެވެ. އެ މުއްދަތުގެ ތެރޭގައި އިމްތިހާންތައް ނުނިންމިއްޖެ ނަމަ ސްކޫލުން ވަކިކުރެވޭނެ ކަމަށް ފްލައިން ސްކޫލުން ބުނެފައި ވެއެވެ.
މި މައްސަލަ ސިވިލް އޭވިއޭޝަނާއި، އޭޑިއުކޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ދަރިވަރުން ބުނެފައި ވެއެވެ. އަދި މި ކަމާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކުން މި މައްސަލަ ބަލާނެ ކަމަށް ބުނެފައިވާ ކަމަށް ދަރިވަރުން ބުނެފައި ވެއެވެ. އަދިވެސް ފްލައިން ސްކޫލްގެ ދަރިވަރުން ތިބީ އެކުދިންގެ ހައްގުތައް ކަށަވަރުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.