ރާއްޖޭގެ ބޯޑަރުތައް ހުޅުވިފަހުން ރަޝިޔާގެ އެއާލައިނެއް ކަމަށްވާ އަޒޫރު އެއާގެ ޗާޓާ ފްލައިޓުގެ ދަތުރުތައް ފަށައި މި އަހަރުގެ އެންމެ ގިނަ ގެސްޓުން އެއް ފްލައިޓަކުން ގެނެސްދިނުމުގެ ރެކޯޑް މުގުރާލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އަޒޫރު އެއާގެ އޭޖެންޓް، ރިސޯޓު ލައިފް ޓްރެވެލް އިން ބުނީ، މިއަދު ރާއްޖެއަށް ޖެއްސި ޗާޓާ ފްލައިޓަކީ މޮސްކޯއިން ޑައިރެކްޓްކޮށް އައި ފްލައިޓެއް ކަަމަށާއި އެ ފްލައިޓުން 521 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އެގޮތުން މިއީ ބޯޑާރު ހުޅުވިފަހުން އެއް ފްލައިޓަކުން އެންމެ ގިނަ ފަތުރުވެރިން ގެނެސްދިން ފްލައިޓެވެ.

މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އަޒޫރު އެއާއިން ޗާޓާ ފްލައިޓްތަކެއް ހަމަޖެއްސި ކަމަށާއި ނަމަވެސް ކޮވިޑް ބަލި ފެތުރެން ފެށުމާއެކު އެ މަސައްކަތް މަޑުޖައްސާލި ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި ޕެންޑެމިކްގެ މިވަގުތުގައި ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން މާކެޓްކޮށް ޗާޓާ ފްލައިޓްތައް އަނެއްކާވެސް ފަށަން ނިންމި ނިންމުމަކީ ރިސްކެއް ކަމަށާއި ނަމަވެސް އެ ނިންމުމަކީ ކާމިޔާބު ނިންމުމެއް ކަމަށް ދެކޭކަމަށް އެ އެޖެންސީން މިހާރު ފާހަގަކުރެއެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު ޗާޓާ ފްލައިޓްތަކެއް ޑައިރެކްޓްކޮށް މޮސްކޯއިން އައުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އަންނަ މާޗް މަހާ ހަމައަށް 13 ފްލައިޓެއް ވަނީ ޗާޓާ ކޮށްފައި ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ. އަދި އެ ފްލައިޓްތަކުގެ ބުކިންވެސް ދަނީ ފުލް ވަމުންކަމަށް އެފަރާތުން ބުނެއެވެ. މީގެ އިތުރުން އެހެން އެއާލައިންއަކާ ގުޅިގެން ބަލްގޭރިއާ އާއި، ރޮމޭނިއާ އަދި ޔޫކްރެއިންއިން ވެސް 3 ފްލައިޓެއް ޗާޓާ ކުރެވިފައިވާ ކަަމަށް ވެސް ރިސޯޓް ލައިފުން ބުނެއެވެ. އެ ފްލައިޓްތައް އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގައި ކަމަށް ވެސް އެފަރާތުން ބުނެއެވެ.

އެ އެޖެންސީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ހާއްސަ ޝުކުރެއް އަދާކުރިއެވެ. ހަމައެއާއެކު ވިލާ ގްރޫޕާއި، އަދާރަން، ބަނޑޮސް، މަލަހިނި، ފިހާޅޮހި އަދި މި މަސައްކަތުގައި އެ އެޖެންސީއާއެކު ގާތުން މަސައްކަތް ކުރާ ހުރިހާ ޓޫރިޒަމް ކުންފުނިތަކަށް ވެސް ހާއްސަ ޝުކުރެއް ރިސޯޓް ލައިފުން ވަނީ އަދާކޮށްފައެވެ.

އަޒޫރު އެއާ އަކީ ރަޝިޔާގައި އެންމެ ބޮޑަށް ކުރިއަރާއި ފުޅާ ވަމުން އަންނަ އެއާލައިނެވެ. މި އެއާލައިންގެ ހިދުމަތް 1995 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އިރު މިހާރު ގިނަ މަންޒިލްތަކަށް ކުރަމުން އައި ދަތުރުތައް ވަނީ މަޑުޖެހިފައެވެ.

ރަޝިޔާ އަކީ ރާއްޖެއަށް އިރުމަތީ ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ބޯޑަރު ހުޅުވިފަހުން ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އެ ގައުމުންނެވެ. އެގޮތުން ބޯޑަރު ހުޅުވިފަހުން މިހާތަނަށް 14،855 ޓޫރިސްޓުން ވަނީ އައިސްފައެވެ.