އިންޑިއާގެ ދަނޑުވެރިކަމުގެ ގާނޫނާ ދެކޮޅަށް އެ ގައުމުގެ ދަނޑުވެރިން ކުރަމުންދާ ސިލްސިލާ މުޒާހަރާތައް، ވެރިރަށް ނިއުދިއްލީއާއި، ނިއްދިއްލީގެ ރަށްބޭރު ސަރަހައްދުތަކުގައި އިތުރަށް ވަރުގަދަ ކޮށްފިއެވެ.

އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަމުން ދަނީ، ދަނޑުވެރިކަމުގެ ގާނޫނު އޮތް ގޮތުން، ދަނޑުވެރިން އަތުން ހެޔޮ އަގުގެއްގައި އުފެއްދުންތައް ގަނެ، ދަނޑުވެރިކަމުގެ ސިނާއަތުން ނާޖައިޒު ފައިދާ ނެގުމުގެ ފުރުސަތު، ޕްރައިވެޓް ސެކްޓަރަށް ފަހިވާ ކަމުގެ ޝަކުވާއާ އެކުގައެވެ.

އިންޑިއާގެ ބާޒާރެއްގައި ފިޔާ ވިއްކަން އިން ދޮށީ އުމުރުގެ މީހެއް/ފޮޓޯ: ދަ ހިންދޫ

ނިއުދިއްލީގެ ރަށްބޭރުގައި މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކަށް، ނިއުދިއްލީއަށ ވަނުމަށް ފުރުސަތު ދީފައި ވަނީ، ސަލާމަތީ ބާރުތަކާ ދަނޑުވެރިންނާ ދެމެދު ހުކުރު ދުވަހު ކުރިއަށްދިޔަ ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހުގައެވެ. މި ކުރިމަތިލުންތައް ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ފުލުހުން ވަނީ، ކަރުނަ ގޭހާއި، ފެން ބަޑީގެ އިތުރުން މުގުރުގެ ބާރުގެ ބޭނުން ކޮށް، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތް ކޮށްފައެވެ.

މުޒާހަރާ ކުރަމުންދާ ބައެއް ދަނޑުވެރިން ވެރިރަށުގެ ތެރެއަށް ވަދެފައި ވާއިރު، އަދިވެސް އެތައް ހާސް ބަޔަކު، ރަށްބޭރުގައި މުޒާހަރާ ކުރަމުން އަންނަ ކަމަށް ޓީވީ މަންޒަރުތަކުން ހާމަވެއެވެ.

އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ފަޒިރު ނަރޭންދްރާ ސިންހް ތުމާރު ވަނީ، ދަނޑުވެރިންނާއެކު މަޝްވަރާ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. މި ބައްދަލުވުން ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހަށެވެ. މީގެ ކުރިންވެސް މަޝްވަރާ ކުރައްވާފައި ވާނެ ކަމަށާއި، އަދިވެސް މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވިކަން ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

މުޒާހަރާގެ ލީޑަރުންގެ ފަރާތުން އަދި މިކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މުޒާހަރަގެ ބައިވެރިން ވަނީ، ޑިމާންޑްތަކަށް އިޖާބައަށް ނުލިބެނީސް މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.

ފާއިތުވީ ދެމަހެއްހާ ދުވަސް ފާއިތުވެގެން ދިޔައީ، ދަނޑުވެރިންގެ އިއްތިހާދުތަކުން، ނުރުހުންފާޅު ކުރާ ހާލުގައެވެ. ސެޕްޓެމްބަރު މަހު އިންޑިއާގައި ފާސްކުރި ދަނޑުވެރިކަމުގެ ގާނޫނަކީ، ވަކި އަގެއްގައި ސަރުކާރަށް އުފެއްދުންތައް ގަންނަ ގަތުމަށް ހުއްޓުމެއް ގެނެސް، ޕްރައިވެޓް ކުންފުނިތަކުން ހެޔޮ އަގުގައި އުފެއްދުންތައް ގަތުމަށް ފުރުސަތު ތަނަވަސް ކުރާ ގާނޫނެއް ކަމަށް ދަނޑުވެރިން ސިފަ ކުރެއެވެ.

އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަނީ / ފޮޓޯ: އަލްޖަޒީރާ

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ދަނޑުވެރިކަމުގެ ގާނޫނަކީ، ސިނާއަތަށް ބޭނުންވާ އިސްލާހީ ބަދަލެކެވެ. އެއީ ޕްރައިވެޓް އިންސްޓްމަންޓް ކުރިއަރުވައިގެން، އުފެއްދުންތެރިކަން ކުރިއަރުވާ، ދަނޑުވެރިންނަށް މިނިވަން ހޯދާދޭ ގާނޫނެއް ކަމަށް ސަރުކާރުން ސިފަކުރެއެވެ.

އިންޑިއާގެ ބާރްތިޔާ ޖަނާތާ ޕާޓީއާ ދެކޮޅު ސިޔާސީ ޕާޓީތަކުން ސިފަކުރާ ގޮތުގައި މި ގާނޫނަކީ، ދަނޑުވެރިންނާއި ދެކޮޅު، އަދި ވިޔަފާރިތަކާ ރައްޓެހި ގާނޫނެކެވެ.

މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގާއިރު، އިންޑިއާގެ ދަނޑުވެރިންނަކީ އެގައުމުގެ އިގުތިސޯދީ ރޭހުގައި ހިއްސާ ބޮޑު ބައެކެވެ. އިންޑިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 4 ބައިކުޅަ އެއް ބައި ހިއްސާކުރި ދަނޑުވެރިކަމުގެ ސިނާއަތް، މިހާރު ހިއްސާކުރަނީ، އިންޑިއާގެ 2.9 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދުގެ އެންމެ 15 ޕަސެންޓެވެ.