ފަތުރުވެރިކަމުގެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ރާއްޖެއިން ހޯދައިފިއެވެ.

މި އެވޯޑް ރާއްޖެއަށް ލިބިފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގައެވެ. ފަތުރުވެރިންގެ މެދުގައި މަގުބޫލު 22 މަންޒިލަކާ ވާދަކޮށްގެން ރާއްޖެއިން މި އެވޯޑް ކާމިޔާބު ކުރި އިރު، ރާއްޖެއިން ވަނީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ނޮމިނޭޓް ވެފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ނޮމިނޭޓް ވުމާއެކު، ގްރޭންޑް ފިނާލޭގައި ޑެސްޓިނޭޝަން ކެޓަގަރީގެ 8 ކެޓަގަރީއަކުން ވެސް ވަނީ ނޮމިނޭޓްވެފައެވެ. އަދި 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓް ވެފައި ވާއިރު ވޯލްޑް ކެޓަގަރީގެ 3 ކެޓަގަރީއެއްގައި ރާއްޖޭގެ 3 ރިސޯޓެއް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ތަންތަނާ ވާދަކޮށްފައި ވެއެވެ.

ރާއްޖެއިން ޓުއަރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ ތެރެއިން އެވޯޑްތައް ކާމިޔާބު ކުރި ތަންތަން:

  • ވޯލްޑްސް ލީޑިން ނިއު ރިސޯޓް 2020 - އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2020 - ދަ ސެެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް 2020 - ބަރޮސް މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2020 - ޖޭއޭ މަނަފަރު
  • ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2020 - ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2020 - ޓްރާންސް މޯލްޑިވިއަން އެއާވޭސް
  • ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2020 - ހުޅުލެ އައިލެންޑް ހޮޓެލް

ފަތުރުވެރިކަމުގެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ރާއްޖެއިން ކާމިޔާބު ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ވެސް ރާއްޖެއިން މި އެވޯޑް ހާސިލު ކުރުމަކީ ޓޫރިޒަމް ދާއިރާއިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ރާއްޖެއަކީ ރައްކާތެރި، މާހައުލަކަށް ހެދުމަށް ޓޫރިޒަމް ދާއިރާއިން ކުރި މަސައްކަތް ފާހަގަ ކުރައްވާ ރައީސް ސޯލިހް ވަނީ އެ މީހުންނަށް މަރުހަބާ ވިދާޅުވެފައެވެ.

މީކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިފަދަ ޝަރަފެއް ރާއްޖެއަށް މިލިބުނީ ރާއްޖޭގެ ބޯޑަރު ހުޅުވުމުގައި ރައީސް ސޯލިހް ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. މިއީ ރާއްޖެއަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް މިނިސޤޓަރު މައުސޫމް ވަނީ މިކަމުގައި އިސް ދައުރެއް އަދާ ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.