ނިޖާ ގެ ވެރިރަށް ނިއާމޭގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފިއެވެ.
ނިއާމޭއަށް ވަޑައިގަތުމުގެ ދަތުރުގައި މިނިސްޓަރު ޝާހިދު ވަނީ ސައޫދީ އަރަބިއްޔާގައި މަޑުކުރައްވާފައެވެ. އަދި ވެރިރަށް ރިޔާޟްގައި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓަރު ޝާހިދު ނީޖާގެ ނިއާމޭއަށް ވަޑައިގަތީ ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާންގެ އަރިހުގައެވެ. ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން މިނިސްޓަރު ވަނީ ތުރުކީވިލާތުގެ ހާރިޖީ ވަޒީރާއި ބައްދަލުކުރައްވާފައެވެ.
މިނިސްޓްރީން ބުނީ އެބައްދަލުވުމުގައި ޓާކިޝް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާ ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާތީ އެކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ސަމިޓްގެ ހަވާސާގައި ސެނެގާލްގެ އާ ހާރިޖީ ވަޒީރު އައިސަތާ ޓޯލް ސޯލްއަށް އާ ބައްދަލުކުރައްވައި މިނިސްޓަރު ޝާހިދު މަރުހަބާ ވިދާޅުވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މޮރިޓޭނިއާގެ ހާރިޖީ ވަޒީރު އިސްމާއިލް ޝެއިހް އަހްމަދު އާ ވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.
ސަމިޓްގެ ތެރެއިން ބޭއްވި އެ ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާއި މޮރިޓޭނިއާ ދުރުގައި އޮތް ނަމަވެސް ދެގައުމަކީ ގިނަ ދާއިރާތަކަކުން އެކުގައި މަސައްކަތްކުރާ ގާތް ދެގައުމު ކަމަށެވެ. ދަ ގެމްބިއާގެ ހާރިޖީ ވަޒީރު މަމަދޯ ޓަންގަރާ އާވެސް މިނިސްޓަރު މިއަދުގެ ސަމިޓްގައި ބައްދަލުކުރެއްވިއެވެ.
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގައި ހިންގަމުންދާ ޖަރީމާތަކަށް އިންސާފު ހޯދުމަށް ދިވެހިރާއްޖެއާއި ދަ ގެމްބިއާ ގުޅިގެން ބައިނަލްއަޤްގްވާމީ ކޯޓުގައި ކުރިއަށްދާ މައްސަލާގައި ދެގައުމުގެ ވަކީލުންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.