އއ. އުކުޅަހުން އިތުރު ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުކުޅަހު ސިއްހީ މަރުކަޒުން ބުނީ ޗުއްޓީ ހޭދަކުރުމަށް އެރަށު ނަލަވެލި ގެސްޓު ހައުސްގައި ހުރި ފަތުރުވެރިއަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެފަތުރުވެރިޔާ ކަރަންޓީނު ކުރުމާއި ފަތުރުވެރިޔާ އާ ސީދާ ދިމާވި ފަރާތްތައް ދެނެގަނެ އެފަރާތްތައް އެެކަހެރި ކުރުމުގެ މަސައްކަތް އެރަށު ސިއްހީ މަރުކަޒާއި ރަށުގެ ކައުންސިލް އަދި ކޮވިޑް ޓާސްކް ފޯސް ކޮމިޓީ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ވެސް އުކުޅަހު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.
މިއަދު ޕޮޒިޓިވްވީ ރަޝިއާއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ އެރަށުން ޕޮޒިޓިވްވި ދެވަނަ ފަތުރުވެރިޔާއެވެ. މީގެ ކުރިން ވެސް ފަތުރުވެރިއަކު ޕޮޒިޓިވްވިއެވެ.
އިއްޔެ ކޮވިޑަށް 35 މީހުން ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 3 މީހަކެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،889 އަށް އަރާފައެވެ. އޭގެ ތެރެއިން އިއްޔެ 36 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،717 އަށް އަރާފައެވެ.
މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1119 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 95 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 46 އަށް އަރާފައެވެ.