ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިއްޔެ މާލެއަށް ޝަރީއަތަށް ވަޑައިގަތުމަށް ފަހު ފުރާވަޑައިގެން ތަނަށް ދިޔަ ސަޕޯޓަރުންގެ ތެރެއިން އިއްޔެ އަނިޔާވި މީހުންނަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ބައެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސަލާމަތީ ގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ މޫދަށް ފުއްމާލި 43 އަހަރުގެ އަންހެނަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ބަޔަކު ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

އެގޮތުން އެވަގުތު ބައެއް މީހުން ވެއްޓި އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ތެރޭގައި އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން އެ ހާލަތުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ގޮތް ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅެއް ވާނަމަ އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެހެން ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ މާލެއަށް ޝަރީއަތަށް ވަޑައިގަތުމަށް ފަހު ފުރާވަޑައިގެން ތަނަށް ދިޔަ ސަޕޯޓަރުންގެ ތެރެއިން 2 މީހަކަށް ފުލުހުން އަނިޔާ ކުރިކަމުގެ ތުުހުމަތު ޕީޕީއެމް އިން ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމް ބުނީ ފުލުހުން އެ ދެ މީހުންނަށް އަނިޔާ ކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށެވެ.

އިއްޔެ ސޯޝަލް މިޑިއާގައި އާންމު ވި ވިޑިއޯ އަކުން ފެންނަ ގޮތުގައި އެއްވި މީހުންގެ ތެރެއިން މީހަކު ގަދަހަދަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވުމަށް އުޅުމުގެ ތެރޭގައި ދެ އަންހެނަކު ބިންމައްޗަށް ވެއްޓޭތަން ފެނެއެވެ.

އިއްޔެ ތާވަލު ކުރި ރައީސް ޔާމީނުގެ ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ. ޝަރީއަތް ކެންސަލް ކުރީ، ރައީސް ޔާމީނު ކޯޓުގައި ފާހަގަ ކުރެއްވި ބައެއް ކަންކަމާ ގުޅިގެންނެވެ. މިއަދުގެ ޝަރީއަތް ކުރިއަށް ގެންދަން ތާވަލު ކުރީ ޔާމީނު ކޯޓަށް ހާޒިރުކޮށް، ވަކީލުން އޮންލައިންކޮށް ކޯޓާ ގުޅާލައިގެން ތިބޭ ގޮތަށް ކަމަށް ވުމާއެކު ރައީސް ޔާމީނު އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން، ޝަރީއަތުގައި ވަކީލުންނާ އެކުގައި ތިއްބަވަން ބޭނުންފުޅު ވުމާއި، އަދި ހެކި ދިރާސާ ކުރުމަށް ކަރެކްޝަނުން ފޯރުކޮށްދިން ލެޕްޓޮޕް ބަގް ކޮށްފައި ހުރިކަމަށް ތުހުމަތު ކުރުން ފަދަ ޝަކުވާތަކާ ގުޅިގެންނެވެ.

މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ޝަކީލް ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި ލެޕްޓޮޕް ބޭނުން ކުރެވޭނެ ކަމަށާއި ވަކީލުން ބޭނުންނަމަ ރައީސް ޔާމީނާއެކު ކޯޓަށް ހާޒިރު ވެވޭނެ ކަމަށެވެ. އަދި އަޑުއެހުން ކެންސަލް ކުރައްވަމުން ގާޒީ ވިދާޅުވީ، ކުރިމިނަލް ކޯޓުގައި ވަކީލުންގެ ލެޕްޓޮޕް ބޭނުން ކޮށްގެން ރައީސް ޔާމީންއާ ބައްދަލުކޮށް ހެކިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.