ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޅ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް ޅ އަތޮޅަށް ކުރެއްވި އެ ދަތުރުފުޅުގައި އިއްޔެ ވަނީ ޅ. މާފިލާފުއްޓަށް ވަޑައިގަންނަވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާކަމަށާއި އެއީ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާ އާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް ކަމުގައި ވިދާޅުވެފައެވެ.
އެ ރަސްމިއްޔާތު ނިންމަވާލެއްވުމަށް ފަހު ރައީސް ވަނީ ސިފައިންގެ ކޮންޕޯސިޓް ޓްރެއިނިން ސެންޓަރަށް ޒިޔާރާތް ކުރައްވައި އެމްއެންޑީއެފް ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ގާއިމު ކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީބީއެސް) ހުޅުއްވައި ދެއްވާފައެވެ. އަދި ރައީސް ވަނީ މާފިލާފުށީގެ މުހިންމު ތަންތަނަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.
އެ ދަތުރުފުޅުގައި މާފިލާފުށިން ރައީސް ވަޑައިގެންނެވީ ޅ. ފެލިވަރަށެވެ. އެ ރަށަށް ޒިޔާރަތް ކުރައްވައި ރައީސް ވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކާއި އެ ތަނުގައި ބިނާކުރާ އައު ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ބައްލަވައިލައްވާފައެވެ.
އޭގެ އިތުރުން ރައީސް ވަނީ އެ ރަށުގައި އެ ވަގުތު ތިބި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް އަޑުއައްސަވާފައެވެ.