ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން 2 މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މެދު ރާއްޖެ ތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައި ވަނީ އުމުރުން 24 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އުމުރުން 24 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މިއަދު ހެނދުނު 09:15 ހާއިރު ކަމަށެވެ. އަދި 39 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ރޭ 10:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

އެމައްސަލަ އާ ގުޅިގެން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިނިސްޓަރު އައިޝާ ވަނީ އެފަދަ ކަންކަމަށް ސަމާލުވުމަށާއި ލިބެނީ އަނިޔާކަން އެނގޭ ހިސާބުން ރިޕޯޓް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އަނިޔާއާ ދެކޮޅަށް އެންމެން އެކީގައި ތެދުވެ، މުޖުތަމައެއްގެ ގޮތުގައި ހުރިހާ ބާވަތެއްގެ އަނިޔާއަށް ވެސް ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ މައްސަލާގައި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ޖެންޑާ މިނިސްޓްރީން ކަށަވަރު ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.