އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިއާގޯ މެރަޑޯނާ މަރުވެއްޖެއެވެ.

މިދިޔަ މަހު 60 އަހަރު ފުރުނު މެރަޑޯނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނެއެވެ. 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕް އާޖެންޓީނާއަށް ހޯދައިދިނުމުގައި މުހިންމު ރޯލެއް ކުޅުނު މެރަޑޯނާ ވަނީ މީގެ ދެ ހަފްތާ ކުރިން ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.

މެރަޑޯނާ ސިނކުޑީގައި އުފެދުނު ގަނޑު ލޭކޮޅު ނެގުމަށް އޮޕަރޭޝަން ކުރި ޑޮކްޓަރާއެކު / ފޮޓޯ: އޭއެފްޕީ

މިމަހުގެ ކުރީކޮޅު އޭނާ މި އޮޕަރޭޝަން ކޮށްފައި ވަނީ ސިކުނޑީގައި ލޭ އުފެދިގެން ކަމަށް އޭނާގެ ޑޮކްޓަރުން ވަނީ ބުނެފައެވެ. ޑޮކްޓަރުން ބުނެފައި ވަނީ ސިކުނޑީގައި މި ގޮތަށް ލޭ އުފެދޭނީ ބޮލަށް ޒަހަމެއް ލިބިގެން ކަމަށާ އެހެން ނަމަވެސް ވެއްޓުނު ކަމެއް ނުވަތަ ބޯ ތަނެއްގައި ޖެހުނު ކަމެއް މެރަޑޯނާ ހަނދާނެއް ނެތް ކަމަށެވެ.

މެރަޑޯނާގެ ފުޓުބޯޅަ ހަޔާތުގައި ހަތަރު ވޯލްޑް ކަޕްގައި އޭނާ ކުޅުނު އިރު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި އޭނާ ވަނީ ރަންބޯޅަ ހޯދާފައެވެ. ގިނަ ބައެއްގެ ތަރުހީބާއި ސަޕޯޓް ހޯދާފައިވާ މެރަޑޯނާ ވަނީ އާޖެންޓީނާގެ ޖާޒީގައި 34 ގޯލު ޖަހާފައެވެ.

ވޯލްޑް ކަޕްގެ ކޯޓާ ފައިނަލްގައި އިނގިރޭސިން ކޮޅަށް މެރަޑޯނާ ލަނޑު ޖަހަނީ/ފޮޓޯ ގެރީ އިމޭޖަސް

އާޖެންޓީނާގެ ބޯކާ ޖޫނިޔާސް އިން އުފެދިގެން އައި މެރަޑޯނާގެ ކުޅުމުގެ ހަޔާތުގައި އޭނާ ވަނީ 9 ޓައިޓަލްސް ހޯދާފައެވެ. އެއީ އެޓީމާއެކު 1 ތަށި، ސްޕެއިންގެ ބާސަލާނާއެކު 3 ތަށި އަދި އިޓަލީގެ ނަޕޯލީއާއެކު 5 ތައްޓެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ މެރަޑޯނާގެ ކުޅުމުގެ ހަޔާތުގައި ދެބައިކުޅަ އެއްބައި އޭނާ ވަނީ މަސްތުވާތަކެތިގެ ޝިކާރައަކަށް ވެ އެކަމާ ހަނގުރާމަ ކޮށްފައެވެ. 1991 ވަނަ އަހަރު އޭނާ ކުރި ޑްރަގް ޓެސްޓް ޕޮޒިޓިވް ވެ 15 މަސް ދުވަހަށް ކުޅުން ވެސް މަނާ ކުރިއެވެ.

މެރަޑޯނާ ފުޓްބޯޅަ ކުޅެން ހުއްޓާލާފައި ވަނީ 1997 ވަނަ އަހަރު އޭނާގެ 37 ވަނަ އުފަން ދުވަހުއެވެ.