ފައިސާއަށް އެސައިންމަންޓް ހަދައިދޭ މައްސަލައަށް ހައްލު ހޯދުމާ ގުޅޭގޮތިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާ ކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ބައްދަލުވުމުގެ މައިގަނޑު އެއް މަގްސަދަކީ މިހާރު ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ތަހްގީގީ އިދާރާއެއްގެ އެހީތެރިކަމާއެކު ވިޔަފާރި އުސޫލުން އެސައިންމަންޓް ހަދާ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ. އަދި ސޯޝަލް މީޑިއާ އާއި އާންމު ތަންތަނުގައި މިފަދަ ކަންކަން އިޝްތިހާރު ކުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުން މި މައްސަލައަށް ތަހްގީގީ އިދާރާއެއް މެދުވެރިކޮށް ހައްލެއް ހޯދުމަކީ މިވަގުތު ވެސް ކުރެވިދާނެ ކަމެއްކަން އެނގިގެން ހިގައްޖެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިހާރު އަމަލު ކުރަމުންދާގާ ނޫނު ތަކުގެ ތެރެއިން ވެސް މި މައްސަލަތައް ބެލުމުގައި ހުރަހެއް ނެތްކަން ސީޕީ ހަމީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު / ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ފައިސާއަށް އެސައިންމަންޓް ހަދާ މައްސަލަ ހުއްޓުވުމަށް ފުލުހުންގެ އެހީތެރި ކަމަށް އެދިފައި ވާއިރު މިކަމަކީ ގާނޫނީ ކުށަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ މީގެ ކުރިން ބުނެފައެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަތީ ތައުލީމުގެ ބިލުގައި ފައިސާ ދީގެން އެސައިންމަންޓް ހެދުން ހިމެނޭ ގޮތަށް "އެކެޑަމިކް ޕްލެޖޭރިޒަމް" ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ގާނޫނުގައި ލިޔަން ހުށަހަޅާފައި ވާނެ ކަމަށެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައަޅާފައި ވާއިރު، މިކަމަކީ ގާނޫނީ ކުށަކަށް ވުމުން އެކަން ހުއްޓިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުން ދާއިރު ތައްޔާރު ކުރުމަށް ހަވާލު ކުރެވޭ އެސައިންމަންޓްތަކަކީ އެ ދަރިވަރުންނަށް އުނގަންނައިދޭ މާއްދާތައް ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށްޓަކައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ބޭނުންކުރާ ނިޒާމެކެވެ. ނަމަވެސް ފައިސާ ދީގެން ދަރިވަރުންނަށް ހަވާލުކުރެވޭ އެސައިންމަންޓުތައް ވިޔަފާރި އުސޫލުން އެހެން ފަރާތްތަކާ ހަވާލުކޮށްގެން ތައްޔާރު ކުރަމުންދާތީ ދަރިވަރުންނަށް އެކިއެކި މާއްދާތަކުން ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށް ވަނީ އުނދަގޫ ވެފައެވެ.

އެހެންކަމުން ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކަށް ވެސް މިކަމުގެ ސަބަބުން ވަނީ ދަތިވެފައެވެ. އަދި މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ނުކުރެވޭތީ މިކަމުގެ ޝަކުވާތައް ވެސް ގިނަ ފަރާތްތަކުން ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަސް ހުށަހަޅާފައެވެ.

ފައިސާ އަށް އެސައިންމެންޓް ހައްދާ މައްސަލައަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ފެންމަތި ވެފައިވާ މައްސަލައެކެވެ. އެގޮތުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.