އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ބީއެމްއެލް އިން ފެމިލީ ލީގަލް ކްލިނިކް(އެފްއެލްސީ) އަށް 50،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެފްއެލްސީއަށް ފައިސާ ހަދިޔާ ކުރީ، އެ ޖަމިއްޔާގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. މި ފައިސާ ހަވާލު ކޮށްފައި ވަނީ މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.

މި ހަފްލާގައި އެފްއެލްސީއާ މި އެހީ ހަވާލު ކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާއެވެ. އެ ޖަމިއްޔާގެ ފަރާތުން މި އެހީއާ ހަވާލުވެ ވަޑައިގަތީ ކޯ ޗެއާޕާސަން ޝަފީއާ ރިޟާއެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން، ޓިމް ވަނީ، އަންހެނުން ކުރިމަތިވާ އަނިޔާ އާ ދެކޮޅަށް ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން މެދުކެނޑުމެއް ނެތި މިވޭތުވެދިޔަ ހަ އަހަރު ކުރައްވަމުން ގެންދަވާ މަސައްކަތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ފެމިލީ ލީގަލް ކްލިނިކް އިން މި އެހީ ބޭނުން ކުރަން ހަމަޖެހިފައި ވަނީ ގާނޫނީ އެހީ ހިލޭ ބޭނުންވާ ފަރާތްތަކަށް މި ހިދުމަތް ފޯރުކޮށްދިނުމަށާއި އެ ޖަމިއްޔާއިން ކުރަމުންދާ ގާނޫނީ އެހީ އާ ގުޅޭ މައުލޫމާތު ވީހާ ވެސް ބޮޑަށް އާންމުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށެވެ. އަދި މީގެ އިތުރުން އެ ޖަމިއްޔާއިން ހިންގާ ލީގަލް އެއިޑް ޕްރޮގްރާމްގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަށް ވެސް މި އެހީ ބޭނުން ކުރެވިގެންދާނެއެވެ.