ރައްޔިތުން މަޖިލީހުގައިި މެންބަރަކު ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ރައީސް މުހައްމަދު ނަޝީދު އެކަން ހުއްޓުވުމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ ވިދާޅުވީ އިސްލާމީ ޝަރީއަތާއި ދުސްތޫރީ ނިޒާމަށް އަހްލުވެރި ނޫން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުންނެވުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާ ކޮށްގެން ތިއްބަވާ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ބަހުސްތަކުގައި ގުރުއާނުން ހުއްޖަތް ގާއިމު ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ.

ޑރ. ދީދީ އެހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ ޖަލްސާގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެކަން ހުއްޓުވައި މަޖިލީހުގައި ގުރްއާނުގެ އާޔަތްތައް ވިދާޅު ނުވުމަށް އެންގެވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނު ކީރިތި ގުރުއާން ހިތުދަސް ނޫން ކަމަށާއި އެހެންކަމުން މެމްބަރުން މަޖިލީހުގައި ގުރުއާނުގެ އާޔަތްތައް ވިދާޅުވާ އިރު އެމަނިކުފާނަށް ރިޔާސަތުގައި އިންނަވައިގެން އޭގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މަޖިލިސް މެމްބަރުންނަކީ ދީނީ އިލްމުވެރިން ނޫން ކަމަށާއި މަޖިލީހުގައި ޝެއިހުން މަދު ކަމަށް ވެސް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ ބަހުސްގެ މަރުހަލާގައި މެމްބަރުންނަށް ކީރިތި ގުރުއާނުގެ އާޔަތެއް ނުވަތަ އާޔަތެއްގެ މާނަ ވިދާޅުވާން އެއްވެސް އިރެއްގައި ފުރުސަތު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.

ރީކޯ ވިދާޅުވީ އެގޮތަށް ރިޔާސަތުން ފުރުސަތު ނުދެއްވަނީ ގުރްއާނުގެ އާޔަތެއް ނުވަތަ ގުރްއާނުގެ އާޔަތެއްގެ މާނަ ނުބައިކޮށް މެމްބަރަކަށް ވިދާޅުވެވިދާނެތީ ކަމަށެވެ.