މާލޭ ފަޅުތެރޭ މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޕްރޮޖެކްޓް ކޮންސަލްޓަންޓު ހެޑް ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 58 އަހަރުގެ ޕޯލް އަޑޫ ނަމަކަށް ކިޔާ މީހެކެވެ. އަދި އެމީހާ ވީއައިއޭގެ ކޮންސަލްޓަންޓު ހެޑުގެ ގޮތުގައި މަސައްކަތް ކުރާތާ ތިން އަހަރު ވެފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.

ފަޅު ތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 09:43 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މޫދުން ނެގުމަށް ފަހު އެމީހާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އައިޖީއެމްއެޗުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައި އޮތް ކަމަށެވެ.

އެމީހާ މޫދުން ނަގާފައި ވަނީ ފުލުހުންގެ ޓޯޔާޑު ކުރިމަތިން ފަޅުތެރެއިންނެވެ. އެމީހާ ފަޅަށް ފުއްމާލާތަން އެ ސަރަހައްދުގައި ހުރި ކެމެރާ އިން ވެސް ފެންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.