ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ތަހުގީގު ކޮމެޓީ އެކުލަވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ތިން ފަނޑިޔާރަކާ ގުޅޭގޮތުން ސުލޫކީ މައްސަލަތަކެއްގެ ބެލުމަށް އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ތަހުގީގު ކޮމެޓީ އެކުލަވާލާފައި ވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ އެ ކޮމިޝަންގެ 79 ވަނަ ބައްދަލްވުމުގައި ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ތަހުގީގު ކުރަން ނިންމި ތިން ފަނޑިޔާރުންނަކީ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމް އާއި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލީ އާދަމް އާއި، ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފް އެވެ. އެގޮތުން އަހުމަދު އަކްރަމްއާ ގުލީގެން ބަލާ މައްސަލައަކީ އޭނާ ބެއްލެވި މައްސަލައެއް ހިންގުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ.

އަލީ އާދަމްއާ ގުލޭގޮތުން ބަލާ މައްސަލައަކީ އޭނާ ޖަމިއްޔާއެއް އުފައްދާ އެ ޖަމިއްޔާގެ ހަރަކާތްތައް ރާއްވާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނާ މައްސަލައަކާއި މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ހިޔާލުތައް ފާޅުކުރި ކަމަށް ބުނާ މައްސަލައެކެވެ.

އަދި އަލީ ޝަރީފާ ގުލޭ ގޮތުން ބަލާ މައްސަލައަކީ އޭނާ ގާނޫނު ހުއްދަކުރާ މިންވަރަށް ވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާ ކަމަަށް ބުނާ މައްސަލައެކެވެ.