ރިޕަބްލިކް އޮފް ނައިޖާގެ ވެރިރަށް ނިއާމޭގައި ނޮވެމްބަރު 27 އިން 28 އަށް ބާއްވާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ނައިޖާއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްގީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" ކަމަށެވެ.

އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގްރީރުކުރައްވަމުން ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އޮތް ގޮތާއި އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ދިވެހިރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވާއި އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު މިނިސްޓަރު ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދުގެ އަރިހުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެ އިން ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯއައިސީއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު މުހައްމަދު ހަލީލް އާއި މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރު އަހުމަދު ސަލްމާން ޒަކީއެވެ.

ފޮރިން މިނިސްޓްރީން ބުނީ އޯއައިސީ ހާރިޖީ ވަޒީރުންގެ ކައުންސިލަކީ ޖަމްއިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމާ ބެހޭ ގޮތް ކަނޑައަޅައި އިސްލާމިކް ސަމިޓްގައި ގައުމުތަކުގެ ވެރިން ނިންމަވާ ނިންމެވުންތައް ތަންފީޒުކުރެވެމުންދާ މިންވަރު މޮނީޓާކޮށް އުއްމަތުގެ މުހިއްމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާ ކައުންސިލެއް ކަމަށެވެ. ހާރިޖީ ވަޒީރުންގެ ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރާނީ އޯއައިސީ ސެކްރެޓޭރިއޭޓުންނެވެ.

ދިވެހިރާއްޖެއިން އޯ.އައި.ސީގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އެޖަމްއިއްޔާގެ ހަރަކާތްތަކުގައި އަބަދުވެސް ރާއްޖެއިން ބައިވެރިވެއެވެ. އޯއައިސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 57 ގައުމު އޮވެއެވެ.