އިންތިހާބީ ރައީސް ޖޯ ބައިޑަންގެ ވެރިކަމެއްގައި އެމެރިކާއާއި ޗައިނާގެ ހަތުރުވެރި ގުޅުން 'އޮޓަމެޓިކުން' ހެޔޮ ފާލަކަށް އެޅިދާނެ ކަމަށް ދެކެމުން އަންނަ އަވާމެންދުރު ދޫކޮށްލަން ޖެހޭ ކަމަށް، ޗައިނާގެ އިސް ސިޔާސީ ސައެންސްވެރިންގެ ތެރޭގައި ގުނާލެވޭ ޝެންގް ޔޮންގްނިއާން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަރުކާރަށް ލަފާ އަރުވާ މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝެންގް ވިދާޅުވީ، ބައިޑަންގެ ސަރުކާރުން ޗައިނާގެ ސަރުކާރާ ދެކޮޅަށް ހަރުކަށި ރޫހެއް ގެންގުޅެފާނެ ކަމަށް ޗައިނާއިން ތައްޔާރު ވާންޖެހޭ ކަމަށެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯސެފް އާރް ބައިޑަން ޖޫނިއާ / ފޮޓޯ: ސީއެންއެން

ޗައިނާއިން ދާދި ފަހުން އެކުލަވާލި ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް (އާރްސެޕް) އަކީ، ޗައިނާއަށް ވިޔަފާރީގެ ރޮނގުން ގޮންޖެހުމަށް އެމެރިކާއަށް ހުރަސްތަކެއް ކުރިމަތި ކުރުވާ، ޗައިނާއާ ދެކޮޅަށް އިއްތިހާދެއް އެކުލަވާލުމަށް އެމެރިކާއަށް ގޮންޖެހުން ކުރިމަތި ކުރުވާނެ އެއްބަސްވުމެއް ކަމަށް ޝެންގް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހަމަ މި މޭރުމުން ޝެންގް ވަނީ، އެމެރިކާއާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރުމަށް، ބޭނުން ކުރެވެން އޮތް ހުރިހާ ފުރުސަތެއްގެ ބޭނުން، ޗައިނާގެ ސަރުކާރުން ހިފަން ޖެހޭ ކަމަށްވެސް ލަފާ ދެއްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ވ) އަދި އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން (ކ) ގެ ކުރީގެ ބައްދަލުވުމެއް / ފައިލް ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ގުއާންގްޝޫ ގައި ދާދި ފަހުން އޮތް އަންޑަސްޓޭންޑިންގް ޗައިނާ ކޮންފަރެންސްގެ ހަވާސާގައި ދެއްވި ބަސްދީގަތުމެއްގައި ޝެންގެ ވިދާޅުވީ، "ރަނގަޅު ދުވަސްތައް" މާޒީވެ ގޮސްފައި ވާ ކަމަށާ، "ފިނި ހަނގުރާމައިގެ ބާޒު" (އެމެރިކާ) އިން ހަރަކާތްތެރިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެމެރިކާއަކީ އެއް ރެއިން "ފޮހެލެވޭނެ" ބައެއް ނޫން ކަމަށްވެސް ޝެންގް ވަނީ އިންޒާރު ކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، ބައިޑަންއަކީ ބަލިކަށި ރައީސްއެއް ކަމަށް ސިފަ ކުރައްވަމުން ޝެންގް ވިދާޅުވީ، އިޖުތިމާއީ ފޭރާން ވީދިފައިވާ އެމެރިކާގެ ދާހިލީ މައްސަލަތައް ހައްލު ކުރެއްވުމަށް ފެއިލްވެވަޑައިގެންފިނަމަ، ބައިޑަން ދެން މަސައްކަތް ކުރައްވާނީ ޑިޕްލޮމެޓިކް ފެންވަރުގައި، ޗައިނާއާ ދެކޮޅަށް ކަމަށްވެސް ޝެންގް ވަނީ ލަފާ ކުރައްވާފައެވެ. އެމެރިކާގެ އަދުގެ ރައީސް، ޑޮނާލްޑް ޓްރަމްޕަކީ ހަނގުރާމަތަކަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާ، ނަމަވެސް ބައިޑަންއަކީ ހަނގުރާމަ ފައްޓަވާ ޒާތުގެ ބޭފުޅެއް ކަމަށްވެސް ޝެންގް ވަނީ ތުހުމަތު ކުރައްވާފައެވެ.

އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް އަދި މިހާރު އެމެރިކާގެ 46 ވަނަ ރައީސް، ޖޯ ބައިޑަން

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާގެ ގުޅުން އިންތިހާއަށް ހީނަރުވީ ޓްރަމްޕްގެ ވެރިކަމަށް ފެށުމާއެކުގައެވެ. ތަފާތު އެކި މައްސަލަތަކުގައެވެ. އިންސާނީ ހައްގުތަކުގެ މައްސަލަތަކާ، ވިޔަފާރީގެ މައްސަލަތަކުން ފެށިގެން ގޮސް، މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާގައިވެސްމެއެވެ.

ޗައިނާއާ ދެކޮޅަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި 300 އަށްވުރެ ގިނަ ބިލު އެކުލަވާލިއެވެ. މިހާރު ވެރިކަން ކުރާ ރިޕަބްލިކަންސްއާއި، އިދިކޮޅު ޑިމޮކްރަޓުންގެ މެމްބަރުންވެސް މިކަމުގައި އެއް ގަލަކަށް އަރާވަޑައިގަންނަވާ ފަދައެވެ.