ފައިސާ ދީގެން އެސައިންމަންޓް ހެއްދުމަކީ ގާނޫނީ ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ފައިސާ ދީގެން އެސައިންމަންޓް ހައްދާ މައްސަލަ އެ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްގެން، އެކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަމާލު ކަމަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހަމައެއާއެކު މިކަން ފުލުހުންގެ ސަމާލު ކަމަށް ގެންގޮސްފައިވާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަތީ ތައުލީމުގެ ބިލުގައި ފައިސާ ދީގެން އެސައިންމަންޓް ހެދުން ހިމެނޭ ގޮތަށް "އެކެޑަމިކް ޕްލެޖޭރިޒަމް" ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ގާނޫނުގައި ލިޔަން ހުށަހަޅާފައި ވާނެ ކަމަށެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައަޅާފައި ވާއިރު، މިކަމަކީ ގާނޫނީ ކުށަކަށް ވުމުން އެކަން ހުއްޓިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ފައިސާ ދީގެން އެސައިންމަންޓް ހައްދާ މައްސަލަ ބެލުމަކީ އެއީ ރާއްޖޭގެ ކޮލެޖުތަކުގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވިއެވެ. އަދި ކޮލެޖުތައް ހިންގާ ފަރާތްތަކުން ވެސް މިކަމާސް ހައްލު ބޭނުން ވާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ފަރާތްތަކުން ވެސް މަތީ ތައުލީމުގެ ފެންވަރު ދަށް ވާކަށް ބޭނުން ނުވާ ކަމަށެވެ.

ފައިސާ ދީގެން އެސައިންމަންޓް ހެއްދުން ރާއްޖެއަށް ތައާރަފް ވެގެން އައީ އެހެން ގައުމުތަކުގައި ވެސް ހިނގާ ކަމަކަށް ވާތީ ކަމަށް މިނިސްޓަރު އިބްރާހިމް ހަސަން ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކަން ހިނގަނީ އެކަމަށް ކޮންމެވެސް ވަރެއްގެ ޑިމާންޑެއް އޮންނާތީ ކަމަށާއި، އެކަމަކީ ގާނޫނީ ކުށަކަށް ހަދާ، އެކަމުގެ އަދަބު ލިބޭ ކަމަކަށް ހަދަން ބޭނުންވާ ކަމަށެވެ.

ފައިސާ އަށް އެސައިންމެންޓް ހައްދާ މައްސަލައަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ފެންމަތި ވެފައިވާ މައްސަލައެކެވެ. އެގޮތުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.