އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާ ލެސްޓާ ސިޓީ ވާދަކުރި މެޗު 3-0 އަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗަށް ލިވަޕޫލް ކުޅެން ނިކުތީ އެޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ފަސް ކުޅުންތެރިންނާ ނުލައެވެ. މި ގޮތުން ޑިފެންސްގައި ހިމެނޭ ވާޖިލް ވެންޑައިކް، ޖޯ ގޮމޭޒް އަދި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް އިންޖަރީ ވެފައި ތިބި އިރު ކެޕްޓަން ޖޯޑަން ހެޑާސަން ވެސް މިވަގުތު ހުރިޔާ އަނިޔާވެފައެވެ. އަދި ފޯވަޑް ލައިންގައި ހިމެނޭ ކުޅަދާނަ ތަރި މުހައްމަދު ސަލާހް ހުރީ ކޮވިޑް-19 އަށް ޕޮސިޓިވްވެގެން އައިސޮލޭޝަންގައެވެ.
މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނެތް ކަން ރޭ ލިވަޕޫލުން ދެއްކި ކުޅުމަކުން ނުފެނެއެވެ. އެޓީމުގެ ފުރަތަމަ ލަނޑުގެ ކުރިން ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިވަޕޫލުން އުފެއްދި އިރު 21 ވަނަ މިނެޓްގައި ލިވަޕޫލް ޖެހި ފުރަތަމަ ލަނޑަކީ ލެސްޓާގެ ޑިފެންޑަރު ޖޯނީ އެވަންސްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މެޗުގެ 41 ވަނަ މިނެޓްގައި ލިވަޕޫލުން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަންގައި އަލަށް އެޓީމާ ގުޅުނު ޑިޔާގޯ ޖޮޓާއެވެ. މިއީ ލިވަޕޫލުގެ ތާރީހުގައި ވެސް އެޓީމުގެ ކުޅުންތެރިއަކު އެޓީމުގެ ދަނޑުގައި ޖައްސަ ޖައްސައިގެން ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ވެސް ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ.
މިމެޗުގެ ކުރިން ރަނގަޅު ފޯމެއްގައި އޮތް ލެސްޓާއަށް ފުރަތަމަ ހާފްގައި މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު ނަމަވެސް ދެވަނަ ހާފްގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް މި ހާފްގައި ވެސް ލަނޑު ޖެހީ ލިވަޕޫލުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އޭނގެ ކުރިން ރަނގަޅު ފުރުސަތުތަކެއް ލިބި ނަގާލި ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފަމީނޯއެވެ.
ރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް ވަނީ ތާވާލުގެ އެއްވަނައިގައި މިވަގުތު އޮތް ޓޮޓެންހަމްއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. ލިވަޕޫލަށް 9 މެޗު ކުޅެގެން ލިބިފައިވަނީ 20 ޕޮއިންޓެވެ. 18 ޕޮއިންޓާއެކު ލެސްޓާ މިހާރު ވަނީ ތާވަލުގެ ހަތަރު ވަނަ އަށް ވެއްޓިފައެވެ.