ނިމިގެން މިދާ 2020 ވަނަ އަހަރަކީ މުޅި ދުނިޔެވެސް މީގެ އެތައް އަހަރެއް ކުރިން ފޮނި އުއްމީދުތަކެއް ހަގީގަތަކަށް ހެދުމަށް އަމާޒު ކަނޑައެޅި އަހަރެވެ. ނަމަވެސް، ކަން ވީ އެހެނެއް ނޫނެވެ. 2020 ވަނަ އަހަރާ ބައްދަލު ކުރަން ޖެހުނީ، އަދާ ޖެހުނުއިރުވެސް ހަގީގަތް ނޭނގޭ، ނުރައްކާތެރި ސިވިއާ އެކިއުޓް ރެސްޕިރެޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ، ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކުގައެވެ.

ކޮވިޑް-19 އާ ދެކޮޅު އިންސާނީ ހަލޯރާތުން ހަނގުރާމަ ކުރަމުން ދާއިރު، މި ހަލޯރާތުގައި ބައިބައިވުންތައް އެބައޮތެވެ. ގައުމުތަކުގެ ވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމަވެސް ހިނގަނީ އެކު އެކީގައި ކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ބައެއް ހާލަތްތްތަކުގައި ލީޑަރުންގެ ފުރާނައަށްވެސް ނުރައްކާވާ ދަރަޖައަށް މަސްރަހު ހޫނުވެއެވެ.

މިއީ ގައުމުތަކުގެ ވެރިންނާ ދެކޮޅަށް އާންމުން ނިކުތް ފުރަތަމަ ފަހަރެއް ނޫނެވެ. ބައިނަލްއަގުވާމީ ފުލުހުންގެ އިއްތިހާދު (އިންޓަޕޮލް)ގެ އެންމެ ފަހުގެ އިންޒާރުތައް ގަބޫލުކުރާ ކަމަށް ވަނީ ނަމަ، ގައުމުތަކުގެ ވެރިންނަށް ހަސަދަވެރިވާ ފަރާތްތަކުން، އެ ވެރިންގެ ކިބައިން ބަދަލު ހިފުމަށް އަމާޒު ހިފާފައި އޮތީ، ކޮވިޑް-19ގެ އިންފެކްޝަނާ އެކުގައި ކަމަށްވެސް ދަންނަވަން ޖެހެއެވެ.

އިންޓަޕޮލްއިން ދާދި ފަހުން އާންމު ކުރި ގައިޑްލައިންއަށް ބަލާއިރު، ކޮވިޑް-19އަށް އިންފެކްޓް ކުރާ ސިޓީތައް، ސިޔާސީ ލީޑަރުންނަށް ފޮނުވުމުގެ ފުރުސަތު އޮތް ކަން ފާހަގަކޮށްފައިވެއެވެ. ކަން މިހެން އޮތްއިރު، ފުލުހުންނާއި ސިއްހީ ހިދުމަތްތެރިންނާ އެނޫންވެސް އެފަދަ އޮފިޝަލުންގެ މޫނަށް، ގަސްތުގައި ކުޅުޖަހާ، ކެއްސާ ކަންވެސް، އިންޓަޕޮލްގެ ގައިޑްލައިންގައި ވަނީ ސަމާލުކަމަށް ގެނެސްފައެވެ.

ކޮވިޑް-19ގެ އިންފެކްޝަން ފަތުރާ ސިޓީތައް ލިބުމުގެ ނުރައްކަލުގައި 190 މެމްބަރަކު އޮތް ކަމަށް އިންޓަޕޮލްއިން ބުނެއެވެ. މި ސިޓީތައް ފޮނުވާނީ ދާހިލީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްރެރިވާ އިދިކޮޅު ފިކުރުތަކުން ކަމަށް ބުނެވެއެވެ. ނަމަވެސް، މިކަންކަމުގެ މިސާލެއް އިންޓަޕޮލްއިން ދައްކާފައެއް ނުވެއެވެ.

މީގެ ކުރިންވެސް ނުރައްކާތެރި ރޯގާތަކާ ބަލިމަޑުކަން ފެތުރިގެން ދިޔަ ދުވަސްވަރު، ތަރައްގީ ވެފައިވާ ބޮޑެތި ގައުމުތަކުގެ އިސްވެރިންނަށް އެ ނުރައްކާތެރި ވައިރަސްތައް، ސިޓީތަކުގައި ފެތުރިކަމީ ތާރީހުން އެނގެން އޮތް ކަމެކެވެ.