ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން އެންމެ އުއްމީދީ އެއް ވެކްސިން ކަމަށްވާ މޮޑާނާގެ ވެކްސިން ވިއްކާނެ އަގުތައް ހާމަކޮށްފިއެވެ.
ކޮވިޑް-19އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރަމުން އަންނަ ވެކްސިން، ސަރުކާރުތަކަށް ވިއްކާނީ، ޑޯޒްއެއް 25-37 ޑޮލަރާއި ދެމެދު އަގެއްގައި ކަމަށް އެ ކުންފުނީގެ ސީއީއޯ ސްޓެފާން ބެންސަލް ވަނީ ހާމަ ކުރައްވާފައެވެ.
މޮޑާނާގެ ވެކްސިންގެ އަގުތަކާ ބެހޭ އިތުރު ތަފްސީލެއް އެކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މޮޑާނާ ކުންފުނިން ތަރައްގީ ކުރި ވެކްސިނަކީ 94.5 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް އެކުންފުނިން ބުނެއެވެ. ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ފަހުކޮޅު، އާންމު އުސޫލުން އެމެރިކާއަށް ވެކްސިން ފޯރުކޮށްދިނުމަށް މޮޑާނާ ކުންފުނިން ދަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މީގެ އިތުރުން، ވިލާތުގެ އިއްތިހާދު (އީޔޫ) އިންވެސް ދަނީ މޮޑާނާގެ ވެކްސިން ޑޯޒްތައް ކަށަވަރު ކުރުމަށް އެ ކުންފުންޏާ މަޝްވަރާ ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.
މޮޑާނާއިން ބުނާ ގޮތުގައި އެކުންފުނީގެ ވެކްސިނަކީ ފުރިޖެއްގައި، 2-8 ޑިގްރީ ސެލްސިއަސްއާ ދެމެދު ފިނިމިނެއްގައި، 30 ދުވަހަށް ރައްކާ ކުރެވޭނެ ވެކްސިނެކެވެ. އަދި މައިނަސް ވިހި ޑިގްރީ ސެލްސިއަސްގައި 6 މަހެއްހާ ދުވަހަށްވެސް ވެކްސިން ރައްކާ ކުރެވޭނެ ކަމަށް މޮޑާނާއިން ބުނެއެވެ.
މޮޑާނާއަކީ އިންތިހާ ހަލުވި ދުވެލީގައި ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ބައިވެރިއެކެވެ. މޮޑާނާއިން އަމާޒު ހިފާފައި ވަނީ މިއަހަރު ތެރޭ، އެމެރިކާއަށް 20 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ހުއްދަ ލިބުމާއެކު، ވެކްސިން ޑެލިވާ ކުރުމުގެ މަސައްކަތް ފެށުމަށް މޮޑާނާ އޮތީ ތައްޔާރު ވެފައެވެ.
މޮޑާނާގެ ވެކްސިން ތަރައްގީ ކުރުމުގައި ބޭނުން ކުރަނީ ބައޮލޮޖިކަލް ސެލްތަކުގައި އެކުލެވޭ މުހިންމު މެކްރޯމޮލެކިއުލްއެއް ކަމަށްވާ ރީބޯނިއުކްލިއެއިކް އެސިޑް (އާރްއެންއޭ) މެސެންޖާ ޓެކްނޮލޮޖީއެވެ. އާރްއެންއޭގެ ދައުރަކީ ޑީއެންއޭއިން މެސެޖު ފޯރުކޮށްދިނުމެވެ. މުހިންމު ޖެނެޓިކް އިރުޝާދުތަކެއް އާރްއެންއޭގައިވެއެވެ. މިއި ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދީގެން މިހާތަނަށް ބޭނުން ކުރަމުން އަންނަ ވެކްސިނެއް އުފެއްދުމުގައި ބޭނުން ކޮށްފައި ވާ ޓެކްނޮލޮޖީއެއް ނޫނެވެ.
މޮޑާނާގެ ވެކްސިނަށް މައުލޫމާތު އެއްކޮށްފައި ވަނީ، 30000 އަށް ވުރެ ގިނަ ވޮލަންޓިއަރުންގެ ކިބައިންނެވެ. މި ތަހުލީލުގައި ބައިވެރިވި އެއްވެސް ވޮލަންޓިއަރެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ބުނެވިދާނެ ކަމަށް މޮޑާނާއިން ބުނެއެވެ.
ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް، ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު، އެންމެ ފަހު މަރުހަލާގައި 11 ވެކްސިން ކެންޑިޑޭޓެއް އެބަ އޮތް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ބައެއް ވެކްސިންތަކުގެ ޑޯޒްތައް މިއަހަރުގެ ފަހުކޮޅު އާންމު ކޮށް ދެވެން ފަށާނެ ކަމުގެ ފެހި ސިގުނަލްވެސް މިހާރު ދަނީ ލިބެމުންނެވެ.