އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާ މެންޗެސްޓާ ސިޓީ ވާދަކުރި މެޗު 2-0 އަކުން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޓޮޓެންހަމްއަށް ޖަހާ ދިނީ އެޓީމަށް ކުޅޭ ސައުތް ކޮރެއާގެ ކުޅުންތެރިޔާ ސޮންއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ފަސް މިނެޓްގެ ތެރޭގައެވެ.
މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ސިޓީއިން ކަމަށްވީ ނަމަވެސް ތަޖުރިބާކާރު ކޯޗު ހޯސޭ މަރީނިއޯގެ ބެލުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމްއިން ވަނީ ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅެފައެވެ. އަދި ސިޓީގެ ހަމަލާތައް ނާމިޔާބުކޮށްލާ ޓޮޓެންހަމްއިން ވަނީ މެޗުގެ 65 ވަނަ މެޗުގައި ދެވަނަ ލަނޑެއް ޖަހާ ނަތީޖާ 2-0 އަކަށް ހަދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް ޖިއޮވާނީ ލޮ ސެލްސޯއެވެ.
މިމެޗުގައި ސިޓީއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ ދަނޑުގެ ކައިރީގައި ހުރޮ ސްކްރީނަކުން ރީޕްލޭ ބަލާ ލަނޑު ޖެހުމުގެ ކުރިން ސިޓީގެ ކުޅުންތެރިއަކު ބޯޅައިގައި އަތްލިކަމަށް ކަނޑައަޅާ އެޓީމަށް އެލަނޑު ނުދިނުމަށް ނިންމާފައެވެ.
ފަހަކަށް އައިސް ލީގުގައި ޓޮޓެންހަމްއިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ އިރު ރޭ ލިބުނު މޮޅުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަނީ ލީގު ތާވާލުގެ 1 ވަނައަށް އަރާފައެވެ. އެއީ ކުޅުނު 9 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.
މިސީޒަންގައި ސިޓީ އަދި ފޯމަކަށް ނޭޅޭ އިރު ލީގުގައި އެންމެ ފަހުން އެޓީމުން ކުޅުނު ދެ މެޗުން ސިޓިއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެޓީމު މިވަގުތު އޮތީ ކުޅުނ 8 މެޗުން 12 ޕޮއިންޓް ހޯދައިގެން ތާވާލުގެ 10 ވަނައިގައެވެ.