ށ. ފޭދޫގައި އުމުރުން 15 އަހަރުގެ ކުއްޖަކު ވިހެއުމަށް ފަހު ވިހޭ ދަރިފުޅު ވަޅުލި މައްސަލާގައި އެކުއްޖާގެ މަންމަ އާއި ދޮންބައްޕަގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
އެ މައްސަލާގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 އަށެވެ.
އެމައްސަލާގައި ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 15 އަހަރުގެ އަންހެންކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީއާގޭ އަޒީޒާ އިބްރާހިމާއި، އަންހެން ކުއްޖާގެ ދޮންބައްޕަ އަބްދުލް ގަފޫރު ގާސިމްގެ މައްޗަށެވެ.
ކުޑަ އަންހެން ކުއްޖާ ވިހެއި ތުއްތު ދަރިފުޅު މަރާލި މައްސަލާގެ ދައުވާގައި ބުނަނީ އެ ކުއްޖާ ބަލިވެއިނީއްސުރެ، އަބްދުލް ޣަފޫރު ގާސިމާއި އަޒީޒާ އިބްރާހީމް ޑޮކްޓަރަށް ނުދައްކާ ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށާއި އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ދެމަފިރިން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ވެސް ހޮސްޕިޓަލަށް ފޮނުވާފައި ނުވާ ކަމަށެވެ. އަދި ސިއްޙީ ގޮތުން އެކަށީގެންނުވާ ގޮތަކަށް ކުއްޖާ ވިއްސުވައި، ވިހެއުމުން ވިހޭ ދަރިފުޅު ގިފިލިތެރޭގައި ވަޅެއްކޮނެ ވަޅުލާފައިވާ ކަމަށާއި ދަރިފުޅު މަރުވެފައި ވަނީ މި ދެ މީހުންގެ ބައިވެރިވުމާ އިހްމާލުން ކަމަށެވެ.
ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ކުއްޖަކު މަރާލުމުގެ ދައުވާ އެވެ.އަންހެން ކުއްޖާ ނަހަލާލަށް ވިހެއި މައްސަލާގައި ދޮންބައްޕަގެ މައްޗަށް އެ ކުއްޖާއާމެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ދައުވާވެސް އުފުލާފައިވެއެވެ.
އެ ދައުވާގައި ބުނެފައިވަނީ އަބްދުލް ޣަފޫރު ގާސިމް އެ ކުއްޖާއާއެކުެ އެކި ފަހަރު މަތިން ބަދުއަހުލާގީ އަމަލު ހިންގާފައިވާތީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އަބްދުލް ޣަފޫރުގެ މައްޗަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.
ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަން އެނގިހުރި އެމައުލޫމާތު ފުލުހުންނަށް ނުދީ ސިއްރުކޮށްފައިވާ މައްސަލާގައި އެ ކުއްޖާގެ މަންމަގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ އުމުރުން 15 އަހަރުގެ އެކުއްޖާއާމެދު އެކުއްޖާގެ ދޮންބައްޕަ އަބްދުލް ޣަފޫރު ގާސިމް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާކަން އެނގި ހުރެ، އެމައުލޫމާތު ފުލުހުންނަށް ނުދީ އެކަން ސިއްރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އަޒީޒާގެ މައްޗަށް ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަން އެނގިހުރެ އެމައުލޫމާތު ފުލުހުންނަށް ނުދީ ހުރުމުގެ ކުށުގެ ދައުވާ އުފުލާކަމަށެވެ.