ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހޯދަން ސީސީޓީވީ ފޫޓޭޖް ފުލުހުން އާންމު ކޮށްފިއެވެ.

މި މީހާ ހޯދުމަށްޓަކައި ފުލުހުން ވަނީ އޭނާ މުދަލަށް ގެއްލުންދޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ޓްވީޓް ކޮށްފައެވެ.

ފުލުހުން ބުނީ، ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަ މީހަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދްމުން ދާ މީހެއް ކަމަށެވެ.

އެ ވީޑީއޯއިން ފެންނަނީ މާލޭ މަގުމަތީގައި ރޭގަނޑުގެ ވަގުތެއްގައި ހިނގާފައި ދާ ފިރިހެނަކު ބިންމަތިން ގާބުރިއެއް ނަގާ ކަންމައްޗަކަށް ހުރި ފިހާރައެއްގެ ދޮރުގައި ޖަހާ އެ ބިއްލޫރި ދޮރު ތަޅާލައި މަންޒަރެވެ. އެ ވީޑިއޯ އިން އެމީހާގެ އިތުރުން އެއްވެސް މީހަކު ނުފެނެއެވެ. އަދި އެ ދޮރު ތަލާލުމަށް ފަހު އޭނާ އެތަނުން ދުރަށް ދާތަން ފެނެއެވެ.

ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ބުނެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.