މާލެ ސަރަހައްދުގައި ހުރި ހޮޓާތަކާއި ގެސްޓް ހައުސްތައް ހުޅުވުމަށް މި ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި ހުރި ހޮޓާތަކާއި ގެސްޓްހައުސްތައް އަދިިވެސް ނުހުޅުވޭ ކަމަށެވެ. ހަމައެއާއެކު ސުވެނިއާ ޝޮޕްތަކާއި ފަަތުރުވެރިން ހިދުމަތްދޭ އެހެނިހެން ތަންތަން ވެސް ނުހިންގޭ ކަމަށާއި އެ ތަންތަނަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑު ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެތަންތަން ހުޅުވޭނީ މާލެ ސަރަހައްދުގައި މިހާރު ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދު ކުރެވިގެން ކަމަށާއި މާލެ ސަރަހައްދުގެ ކޮވިޑު ނަމްބަރު ތިރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކަށް ބޮޑަށް ސަމާލުވުމަށް އޭނާ ގޮވާލެއްވިއެވެ.

މީހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު އަނެއްކާވެސް އަންނަނީ ގިނަވަމުންނެވެ. އެ ގޮތުން އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 94 އަށް އަރާފައެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި 49 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 45 މީހަކު ހިމެނެއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލެ އޭރިއާގެ ހޮޓެލް، ގެސްޓްހައުސް ހުޅުވާފައި ނުވާއިރު، އެ ފެސިލިޓީތައް މި މަހު ކުރީކޮޅު ހުޅުވޭވަރު ވާނެ ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް ބޭނުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 5 ޕަސަންޓަށްވުރެ ދަށް ދެ ހަފްތާ ކަމަށް ވެސް އޭރު މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ.

އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދީފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.