އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށް ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފިއެވެ.
އަންނަ އަހަރަށް ލަފާކުރި ބަޖެޓް ފާސްކޮށް ދެއްވުމަށް ރައީސް ސޯލިހް ގޮވާލައްވާފައި ވަނީ މިއަދު ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. މިއީ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސް ސޯލިހް ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
ރައީސް ވިދާޅުވީ، މިހާރު ރާއްޖެ މިއޮތް ހާލަތުން އަރައިގަތުމަށް މަޖިލީހުގެ މެންބަރުން އެހީތެރިވެވަޑައިގަތުމުގެ ގޮތުން ބަޖެޓް ފާސްކޮށްދެއްވުމަށް އެދިވަޑައިގަންވާ ކަމަށެވެ. މިވަގުތަކީ ސަރުކާރުން އެކަނި މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑުގެ ބަލިމަޑު ކަމުގައި އިގްތިސޯދީ ގޮތުން ރާއްޖެ އޮތް ދަތި ހާލަތުގައި ސަރުކާރުން ކުރަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. ކިތަންމެ ދަތީގައި ވެސް މިހާތަނަށް ސަރުކާރުން އެކަން ކުރަމުން އައީ ވަރަށް ރަނގަޅަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާ ކަމަށާއި މުސާރަ ވެސް ކުޑަކޮށްފައި ނުވާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.
މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން، ތައުލީމީ ދާއިރާ އަށް 3.9 ބިލިއަން، އިޖުތިމާއީ ދާއިރާ އަށް 3.7 ބިލިއަން، ގެދޮރު އިމާރާތްކުރަން 3.2 ބިލިއަން، ތިމާވެށި ރައްކާތެރިކުރަން 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރިކަރަކަންޓު ހަރަދުގެ ގޮތުގައި މުސާރަ އާއި ހިންގުމާއި އާސަންދަ އާއި އިނާޔަތްތައް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ބޮޑެތި މަޝްރޫއުތައް ވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު ހިންގާނެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހދ. ހަނިމާދު އާއި އައްޑޫގެ އެއާޕޯޓް ތަރައްގީ ކުރުމާއި މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބްރިޖާއި މާލޭ ވިޔަފާރި ބަނދަރާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އިތުރުން ފަސް ޓާޝަރީ ހޮސްޕިޓަލް އެޅުން ވެސް ހިމެނޭ ކަމަށެވެ. މި ދެންނެވި މުހިއްމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބަޖެޓާ މެދު ބަހުސް ކުރައްވަމުން ގެންދެވި އިރުގައި ދެއްކެވި ބައެއް ވާހަކަތައް އެމަނިކުފާނު އަޑުއެއްސެވި ކަމަށާއި ބައެއް މެންބަރުން ކުޑަކުރައްވަން އެދިވަޑައިގެންކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިވަގުތަކީ އިގްތިސާދު ހިންގުމަށް ކުރަންޖެހޭ ކަންކަން ކުރަންޖެހޭ ވަގުތު ކަމަށާއި ފައިސާ ހަމަޖެހިފައި ހުރި ޕްރޮޖެކްޓްތަކަށް ވާތީ މެދުނުކެނޑި ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.