ސްރީލަންކާއަށް އިމްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތައް އެގައުމަށް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ސްރީލަންކާ ސަރުކާރުން ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

ސްރީލަންކާ ސަރުކާރުން ދިން ޔަގީންކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ ސްރީލަންކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ސްރީލަންކާއަށް މަހުގެ ބާވަތްތައް އެތެރެކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު ނިމިދިޔަ ހަފްތާގައި އެގައުމަށް އެތެރެކުރި މަހުގެ ޝިޕްމަންޓްތަކެއް އެތެރެނުކުރެވުނު މައްސަލަ ހައްލުކޮށް އެ ޝިޕްމަންޓްތައް ވެސް އެގައުމަށް އެތެރެކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވެސް ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

ލަންކާއަށް އެހެން ގައުމަކުން މަސް އެތެރެ ނުކުރެވޭ ގޮތަށް ހަދަން އެގައުމުގެ އާ ސަރުކާރުން މަސައްކަތް ކުރާ މި ދަނޑިވަޅުގައި މިހާރު ވެސް ރާއްޖެއިން ދަނީ ލަންކާއަށް މަސް އެކްސްޕޯޓް ކުރަމުންނެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު