ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެ ކުދިންގެ ހިޔާލާއި ބައިވެރިވުން ބޭނުންވާ ކަމަށާއި، އެ ކަންކަމާމެދު ވާހަކަ ދައްކައި، ވަކާލާތުކުރުމުގެ ފުރުސަތު އެ ކުދިންނަށް ލިބި ދިނުމަކީ މުޅި މުޖުތަމައުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެ ކަމަނާމިހެން ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އޮންލައިންކޮށް ބޭއްވި ކޮންސަލްޓޭޝަން ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ، މި ރަސްމިއްޔާތުގައި ސްކޫލުތަކުގެ ދަރިވަރުން ހުށަހަޅައި ދިން ޕްރެޒެންޓޭޝަނާއި ދިން މައުލޫމާތުގެ ފުރިހަމަކަށް ފާހަގަކުރައްވާ އެ ކުދިންނަށް ތައުރީފު ކުރައްވާފައެވެ. އަދި ޕްރެޒެންޓޭޝަންގައި ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށްދޭ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ހާއްސަކޮށްގެން ސްކިލް މެނޭޖްމަންޓް ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށާއި، ސަޕޯޓް ގްރޫޕް ފަދަ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ މުހިންމު ކަން ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި މާދަމާ އަމަލުކުރަން ފަށާ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ މައްޗަށް ވެސް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ކުޑަކުދިންނަށް ގޮވާލައްވާ، އެ ކުދިންގެ ހައްގުތަކުގެ ދިފާއުގައި ވާހަކަ ދައްކާ އަޑު އުފުލުމަށް ފަޒްނާ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ކޮންމެ ހައްގަކާއެކު ޒިންމާތަކެއް ވެސް އެ ކުދިންގެ ކޮނޑުގައި އެޅޭކަން ހަނދުމަކޮށްދެއްވާ އެ ޒިންމާތަކަށް އެންމެ ފުރިހަމަ ގޮތުގައި އިހުތިރާމު ކުރުމަށް ވެސް ފަޒްނާ ގޮވާލެއްވިއެވެ.
މިއަދު ބޭއްވި ކޮންސަލްޓޭޝަން ޕްރޮގްރާމަކީ އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން އެ ކުދިންގެ ހިޔާލު ހޯދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެ ކުދިންގެ ބައިވެރިވުމާއި ހިޔާލު ހޯދައި އެ ކަންކަމާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.