އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު އަމީރާގެ ގޮތުގައި މުޅި ދުނިޔެ އިއްތިފާގުވި ޕްރިންސަސް ޑަޔާނާގެ ބަސްދީގަތުމެއް، 1995 ވަނަ އަހަރު ބީބީސީއިން ކަވަރު ކުރި ގޮތުގެ އާ ތަހުގީގެއް ހިންގުމަށް ނިންމި ނިންމުމަކީ، ރަނގަޅު މިސްރާބަށް އެޅުނު ފިޔަވަޅެއް ކަމަށް، ޑަޔާނާގެ ދަރިކަލުން، ޕްރިންސް ވިލިއަމް ވިދާޅުވެއްޖެއެވެ.

ބީބީސީ "ޕެނަރޯމާ"އަށް ޑަޔާނާ ބަސްދީގަތުން ދެއްވުމާ ގުޅިފައިވާ ހުރިހާ ކަމެއްގެ ހަގީގަތް ހޯދުމަށް ތަހުގީގު ހިންގާނެ ކަމަށް ބީބީސީއިން ވަނީ ވައުދުވެފައެވެ.

ޑަޔަނާގެ އާއިލާ މެމްބަރެއް ކަމަށްވާ އާލް ސްޕެންސާ ވަކާލާތު ކުރައްވާ ގޮތުގައި، އެ ބަސްދީގަތުން ހޯދުމަށް ބީބީސީގެ މާޓިން ބަޝީރު ބޭނުން ކޮށްފައި ވަނީ އަސްލެއް ނެތް، ބޭންކު ސްޓޭޓްމަންޓް ތަކެކެވެ. މާޓިން ބަޝީރު ވަނީ 2004 ވަނަ އަހަރު ބީބީސީ ދޫކޮށްލުމަށް ފަހު، އަނެއްކާވެސް 2016 ވަނަ އެ ކުންފުންޏާ އަލުން ގުޅިފައެވެ.

ބީބީސީގެ މާޓިން ބަޝީރު / ފޮޓޯ: ގެޓީ އިމޭޖަޒް

މި ކަމާ ގުޅިގެން އާ ތަހުގީގެއް ހިންގުމަކީ ރަނގަޅު މިސްރާބަށް އެޅުނު ފިޔަވަޅެއް ކަން ފާހަގަ ކުރައްވަމުން ޕްރިންސް ވިލިއަމް ވިދާޅުވީ، މި ތަހުގީގަކީ، ބީބީސީގައި އެ ދުވަސްވަރު މަސައްކަތް ކުރި މީހުންގެ ނިންމުންތައް އައި ގޮތްވެސް އެނގިގެން ދާނެ ތަހުގީގަކަށް ވާނެ ކަމަށެވެ.

މި ތަހުގީގު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ޝަރުއީ ދާއިރާގައި ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައިވާ ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖޯން ޑައިސަންއެވެ.

އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޖޯން ޑައިސަން / ފޮޓޯ: ބީބީސީ

މި ތަހުގީގާ ގުޅިފައިވާ ޕެނަރޯމާ ބަސްދީގަތުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް ބަސްދީގަތުމެކެވެ. މި ބަސްދީގަތުމަކީ، ޕްރިންސް އޮފް ވޭލްސް ޗާލްސްއާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ކެމީލާ ޕާކާ-ބޯވްލްސްގެ ގުޅުން ތަކަށް އިޝާރާތް ކުރައްވާ، ޑަޔާނާއާއި ޗާލްސްގެ ޒަވާޖީ ހަޔާތްޕުޅުގައި "3 މީހުން އުޅޭކަމަށް" ޑަޔާނާ ވިދާޅުވި ބަސްދީގަތުމެވެ.

މީގެ ގާތްގަނޑަކަށް 25 އަހަރު ކުރިން އޮން އެއާ ކުރި މި ބަސްދީ ގަތުން، 23 މިލިއަނެއްހާ މީހުން ބެލިއެވެ. އޭރު ޑަޔާނާ އުޅުއްވީ ޕްރިންސް ޗާލްސްއާ ވަކިންނެވެ. ނަމަވެސް ކައިވެނިފުޅުގައި ވަރީގެ ސިއްކަ ޖައްސަވާފައެއް ނުވެއެވެ. ޑަޔާނާ އަވަހާރަވީ، 1997 ވަނަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހު، ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، އުމުރުފުޅުން 36 އަހަރުގައެވެ.