ލޮނުޒިޔާރަތް ޕާކު ހުޅުވިި ފަހުން މިހާތަނަށް 12000 އަށް ވުރެ ގިނަ މީހުން ވަދެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" ހުޅުވާފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ. އެ ޕާކު ހުޅުވިފަހުން މިހާތަނަށް 12773 މީހުން ޕާކަށް ވަދެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޕާކް ސާފަތާހިރުކޮށް ބޭއްވުމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް ރައްޔިތުން ދޭ ސަމާލުކަމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ލޮނުޒިޔާރަތް ޕާކު ހުޅުވާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށާއި ހަވީރު 4:30 ން ރޭގަނޑު 9:30 އަށެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިގައި ޕާކު ތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް، އުޅެންވާނީ ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކް އަޅައިގެން ކަމަށާއި، ޕާކަށް ޒިޔާރަތް ކުރާ އެންމެހައި ފަރާތްތަކުން، ޕާކުތެރޭގައި އުޅޭއިރު، އެކަކު އަނެކަކާ ދެމެދު 3 ފޫޓު ދުރުމިން (އިޖްތިމާއީ ގައިދުރުކަން) އަބަދުވެސް ބަހައްޓަވަންވާނެ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން ހުން އައިސް، ކެއްސައި، ކިނބިހި އެޅުމުގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ، ޕާކަށް ޒިޔާރާތް ނުކުރުމުގެ އިތުރުން ޕާކު ތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައި ވެސް، ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތްސާފުކުރުމަށް ވެސް އެ ގައުޑްލައިނުގައިވެއެވެ.

ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެޕާކު ތަރައްގީ ކޮށްފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ.

އެ ޕާކުގައި ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނެއެވެ. މީގެ އިތުރުން 300 އަށްވުރެ ގިނަ ބެންޗާއި، ދުވާ ޓްރެކްއަކާއި ބައިސްކަލު ދުއްވޭ ލޭނެއްވެސް އެޕާކުގައި ހިމެނެއެވެ.