ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ހިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ހިދުމަތްތައް ތައާރަފު ކުރުމަށް މިއަދު ސެނަހިޔަގައި މިލިޓަރީ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއާޕާސަން ފާތިމަތު ފިރާޝާއެވެ. ލެބޯޓްރީން ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާއިރު، މިއީ ސެނަހިޔައިން މުޅިން އަލަށް ދޭންފެށި ހިދުމަތެކެވެ.

މީގެ އިތުރުން ލެބޯޓްރީއަށް ގެނެސްފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް 4 ސްޓޭޝަނެއް މިހާރު ގާއިމު ކޮށްފައި ވާ ކަމަށް އެމްއެމްޑީއެފުން ބުނެއެވެ. އޭގެތެރޭގައި ތުއްތު ކުދިންގެ ލޭގެ ސާމަޕަލް ނެގުމަށް ހާއްސަ ސްޓޭޝަނެއް ވެސް ހިމެނެއެވެ. މި ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ހިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ހިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސެނެހިޔާގއި ގާއިމްކުރި ސިފައިންގެ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑު / ފޮޓޯ: އެމްއެންޑީއެފް

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ހިދުމަތް ތަރައްގީކޮށް، ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެންޑީއެފުން ކޮންމެ ހަފުތާއަކު ނެރޭ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑެއް ސެނަހިޔަ އޯޕީޑީ ސަރަހައްދުގައި ވަނީ ހުޅުވާފައެވެ. މި ނޯޓިސް ބޯޑް ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ)ގެ ވައިސް ޗެއާޕާސަން އައިމިނަތު ދިހުޝާނާއެވެ.

ސިފަމާ ޗެއާޕާސަން އަދި ވައިސް ޗެއާޕާސަން ސެނަހިޔައަށް ކުރެއްވި މި ޒިޔާރަތުގައި ސެނަހިޔަގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެކިއެކި ދާއިރާތަކުން ސްޕެޝަލައިޒް ވެ ހިދުމަތާއި ގުޅިލެއްވި ސިފައިންގެ ޑޮކްޓަރުންނާއި ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި މި ޒިޔާރަތުގައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ މެހުމާނުން ސޮއިކުރާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ހިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ލެބޯޓްރީ ހުޅުވަމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދާއި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު މޭޖާ އައިމިނަތު ޝުމްރާއާއި ސެނަހިޔަގެ އިސް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.