އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ވަކި ކުރުމަށް، އިތުބާރުނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނަޝީދު ވިދާޅުވީ، ފައްޔާޒު ވަކިކުރަން މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތެއް ނުކުރައްވާ ކަމަށާއި، ނަމަވެސް އެމްޑީޕީގެ އެތެރޭގެ ބަހުސްތައް ހިނގަމުން ދާން ޖެހޭނެ ކަމަށެވެ.

ފައްޔާޒް ވަކި ކުރުމުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ބަހުސްތަކަކީ އެމްޑީޕީގެ އެކި އެކި ގުނަންތަކުގެ ތެރޭގައި ހިނގަމުން ދާނެ ބަހުސްތައް ކަމަށެވެ. އެގޮތުން ގައުމީ މަޖިލީހާއި، ގައުމީ ހިންގާ ކޮމިޓީގެ އިތުރުން އެމްޑީޕީ ކޮންގްރެސްގައި ވެސް މިކަން ހިނގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވަކި ވަޒީރަކީ، ޕާޓީއަށް، ސަރުކާރަށް އަދި ރައްޔިތުންނަށް އެންމެ ރަނގަޅު ވަޒީރުތޯ ފާހަގަ ކުރުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއްވެސް ކަމެއް ގޯސްކޮށް ހިނގާނަމަ އެކަން ސާފުކޮށް ވިދާޅުވާނެ ކަމަށާއި، އެއްވެސް މީހަކު އެކަމާ ހިތްހަމަ ޖެހި ވަޑައިނުގަތަސް ކުރައްވާނެ ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ނޫޅުއްވާ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، ނަޝީދު އިސްވެ ހުންނަވާ އެކަން ކުރައްވަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެ މަސައްކަތް ކާމިޔާބު ކުރެވިފައި ނުވަނީ އެކަށީގެންވާ މިންވަރަށް މަޖިލިސް މެންބަރުންގެ ސޮއި ލިބިފައި ނުވާތީ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މަޖިލީހަށް މި މައްސަލަ ހުށަހެޅޭ ގޮތް ނުވުމުން، މިކަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.