ޗައިނާއާއި އިންޑިއާ އަކީ ރާއްޖެއާ އެކު ރަނގަޅު ގުޅުމެއް އޮތް ދެ ގައުމަށް ވީ ހިނދު އެ ދެ ގައުމަށް ގެއްލުން ދިނުމުގެ ނިޔަތުގައި އަމާޒު ކުރާ ފާޑުކިއުން ހުއްޓާލައި ޝުކުރުވެރި ވާން ވީ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ދާދި ފަހުން ޗައިނާގެ ލޯންތައް ރާއްޖެއިން ދައްކަން ޖެހޭތީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައި ޗައިނާއަށް އަމާޒުކޮށް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޝަރީފް ވިދާޅުވީ، އިންޑިއާ އަދި ޗައިނާ އަކީ ރާއްޖެއަށް ތަރައްގީ ގެނެސްދިނުމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ދެ ގައުމު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ދެގައުމުން ރާއްޖެއަށް ތަރައްގީ ގެނެސްދޭނެ ކަމަށް ޝަރީވް ވިދާޅުވިއެވެ. އެހެން ކަމުން ބާރުގަދަ އެ ދެ ގައުމަށް ގެއްލުން ދިނުމުގެ ނިޔަތުގައި އަމާޒު ކުރާ ގޮތަށް ފާޑު ނުކިއުމަށް ޝަރީފް ގޮވާލެއްވިއެވެ. އޭގެ ބަދަލުގައި އެ ދެ ގައުމުން ވެދޭ އެހިތެރިކަމަށް ދިވެހިން ޝުކުރުވެރިވާން ވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއަށް ދައްކަންޖެހޭ ލޯންތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ސަރުކާރުން ވެފައިވާ އެއްބަސްވުން ތަކަށް މި ސަރުކާރުން ފުރިހަމައަށް އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ބައެއް ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކައަކީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތަށް ދައްކަވާ ވާހަކަތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސްފައިވާ މި ދުވަސްވަރު އެކަމުން އަރައިގަތުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި އިގްތިސޯދު ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން މި ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިގްތިސޯދު ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް މަޖިލީހުން ވެސް ފުރިހަމަ އެއްބާރުލުން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ދަނޑިވަޅު ގައި ރާއްޖެ އޮތް ހާލަތަށް ބަލާއިރު ކޮރޯނާ ވައިރަސް އާ ދެކޮޅަށް ކުރެވޭ މަސައްކަތާއި އިގްތިސޯދު ކޮޅަށް ޖެހުމަށް އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައިވެސް ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މި ދަނޑިވަޅަކީ ގައުމުގެ ވެރިންގެ ހިޔާލު ތަފާތުވުންތަކާއި ސިޔާސީ ފިކުރު އެއްފަރާތް ކޮށް، ގައުމުގެ އިގްތިސޯދު ކޮޅަށް ޖެހުމަށް އެއް އަޒުމެއްގައި ނުކުންނަން ޖެހޭ ދަނޑިވަޅު ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާއިން ލޯނުތަކަށް ލުއި ނުދޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަންނަ އަހަރު ސަރުކާރުގެ އާމްދަނީގެ 53 ޕަސެންޓް ދާނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށާއި، އޭގެ ތެރެއިން 80 ޕަސެންޓަށް ވުރެ ބޮޑު ބައި ދާނީ ޗައިނާ ދަރަނި ދައްކަން ކަމަށެވެ. ނަމަވެސް މާމަގެ ފައްޓަރުބައި ވިއްކައިގެން ވެސް އެ ދަރަނި ދެއްކުމުގެ ގާބިލްކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އިއްޔެ ރައީސް އޮފީހުން ބުނެފައި ވަނީ ޗައިނާއަށް ދައްކަންޖެހޭ ބައެއް ލޯންތައް އަންނަ އަހަރުގެ މެދާ ހަމައަށް ދެއްކޭ ގޮތަށް ފަސްކޮށްދީފައި ވާ ކަމަށެވެ.