އަފްގާނިސްތާނު ހަނގުރާމައިގެ ތެރޭގައި އެ ގައުމުގައި ހަރަކާތްތެރިވި އޮސްޓްރޭލިއާގެ ހާއްސަ ސަލާމަތީ ބާރުތަކުން، އަފްގާނިސްތާނުގެ 39 މީހަކު، ނުހައްގުން މަރާލާފައި ވާ ކަމުގެ "ސާބިތު ހެކި" ލިބިފައި ވާ ކަމަށް ރިޕޯޓެއް ބުނެފިއެވެ.
މިކަން ހާމަ ކޮށްފައި ވަނީ، އޮސްޓްރޭލިއާގެ ސަލާމަތީ ބާރުތަކުން ހިންގާފައިވާ ގައިރު ގާނޫނީ އަމަލުތައް ތަހުގީގު ކުރުމުގެ ނަމުގައި 4 އަހަރަށް ދިގުލާ ދިޔަ ތަހުގީގުތަކަށް ފަހު، އޮސްޓްރޭލިއާގެ ދިފާއި ބާރު (އޭޑީއެފް) އިން އާންމު ކުރި ރިޕޯޓްގައެވެ.
މި ރިޕޯޓް އެކުލެވިގެން ވަނީ މައިގަނޑު 57 ހާދިސާއެއް މައްޗަށެވެ. މި ހާދިސާތަކާ ގުޅިގެން، 300 އެއްހާ ހެކިންގެ އިންޓަވިއު ނަގާފައިވެއެވެ.
އޭޑީއެފްގެ ޗީފް ޖެނެރަލް، އެންގަސް ކޭމްޕްބެލް ވިދާޅުވީ، އަސްކަރީ ފައުޖުގެ ބައެއް ސިފައިންގެ ފަރާތުން، "ލަދުގަންނަން ޖެހޭ ވަރުގެ ރެކޯޑްތަކެއް" ފެނިފައި ވާ ކަމަށެވެ.
އޮސްޓްރޭލިއާގެ ސިފައިންގެ ޝިކާރައަކަށްވެ، މީހުންތަކެއް މަރުވެ ދިޔައީ، ކުރިމަތިލުންތަކުގެ "ހޫނުގަނޑުގައި" ކަމަށް ދެންނެވެން ނެތް ކަމަށްވެސް ޖެނެރަލް ކޭމްޕްބެލް ވަނީ ވިދާޅުވެފައެވެ. އެންމެ ބޮޑަށް، ކަންބޮޑުވެވަޑައިގަންނަވަނީ ބައެއް ސިފައިން 'އަމިއްލަ މުށު ތެރޭގައި ގާނޫނު ބާއްވައިގެން" އުޅުމުން ކަމަށްވެސް ޖެނެރަލް ކޭމްޕްބެލް ވިދާޅުވިއެވެ.
2009-2013 އާ ދެމެދު، ގައިދީންނާއި، ދަނޑުވެރިން ނުވަތަ މަދަނީ އާންމު ފަރުދުން މަރާލި ހާދިސާތަކާ ގުޅިގެން، އަސްކަރިއްޔާގައި އުޅެފައިވާ ނުވަތަ މިހާރު ވެސް އަސްކަރިއްޔާގައި އުޅޭ 19 މީހެއްގެ މައްޗަށް، ފުލުހުން ތަހުގީގު ހިންގަން ޖެހޭ ކަމަށްވެސް މި ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އޮސްޓްރޭލިއާއިން މިފަދަ ވާހަކަތަކެއް އާންމު ކޮށްފައި ވާއިރު، އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީގެ އޮފީހުން ބުނީ، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ފޯނުން ގުޅުއްވާ، ހިތާމަ ފާޅު ކުރައްވާފައި ވާ ކަމަށެވެ. އޮސްޓްރޭލިއާއިން އާންމު ކުރި ރިޕޯޓަށް އަފްގާނިސްތާނުން ރަސްމީ ސިފައެއްގައި އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އިންސާފު ހޯދުމުގައި އޮސްޓްރޭލިއާގެ މައްޗަށް އިތުބާރު އެބަ އޮތް ކަމުގެ ރޫހެއްގައި އަފްގާނިސްތާނުން ވަނީ ވާހަކަ ދައްކާފައެވެ.
އޮސްޓްރޭލިއާ ސިފައިންގެ ޖަރީމާ ތަހުގީގުކޮށް އިންސާފު ހޯދާ ދިނުމަށް އޭޑީއެފްގެ އިހުތިސޯސީ ބާރުގެ ބޭރުން، މިނިވަން ޕެނަލެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާއާއި އެމެރިކާގެ ބައިވެރިންނާއެކު، އޮސްޓްރޭލިއާގެ 400 އެއްހާ ސިފައިން މިހާރުވެސް ދަނީ އަފްގާނިސްތާނުގައި ހަރަކާތްތެރި ވަމުންނެވެ.