ދިރިއުޅުމަށް އައިސްފައިވާ ބުރަބޮޑު ބަދަލުތަކާއެކު ދަރިފުޅަށް ޔޫޓިއުބް އަޅުވާދީފައި ބޭންދުމަކީ މިއަދު އާންމު ވަމުން އަންނަ އާދެއެއް ކަން ގަބޫލުކުރަންޖެހެއެވެ. ބަދިގޭގައި އަވަދިނެތި އުޅޭ ވަގުތުތަކާ، ދިގު ދަތުރުތައް ކުރަންޖެހޭ ވަގުތުތަކުގައި ނުވަތަ ގޭގައި އިނދެގެން އޮފީހުގެ މަސައްކަތްތައް ނިންމާއިރު ދަރިފުޅަށް ޔޫޓިއުބް އަޅުވާދީފައި "ދޫކޮށްލާއިރު" އެ ޕްލެޓްފޯމުން ދަރިފުޅަށް ފެންނަނީ ކޯއްޗެއްކަން އެނގޭހެއްޔެވެ؟ ދާދި ފަހުން ކުރި ދިރާސާއަކުން މި ސުވާލުގެ ޖަވާބު ދީފިއެވެ. ޖަވާބު ކުރުވެފައި، ހިއްޗެވެ. ޖަވާބަކީ: އިސްތިހާރެވެ.

ކޮމަން ސެންސް މީޑިއާއާއި ޔުނިވާސިޓީ އޮފް މިޝިގަންގެ ދިރާސާ ޓީމުތައް ގުޅިގެން އެކުލަވާލި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، އުމުރުން 8 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކޮށްގެން ޔޫޓިއުބްގައި އާންމުކޮށްފައިވާ ކޮންޓެންޓްގެ 95 ޕަސެންޓް ވީޑިއޯގައި އިސްތިހާރު އެކުލެވެއެވެ. ހިތާމައަކީ އިސްތިހާރު ކުރުމެއް ނޫނެވެ. މި ވީޑިއޯތަކުގައި އިސްތިހާރު ކުރާ އުފެއްދުންތަކެވެ. މި އުފެއްދުންތަކަކީ، ދޮށީ އުމުރުތަކަށް ހާއްސަ އުފެއްދުންތަކަކަށް ވާ ކަމެވެ. ރަލުގެ އުފެއްދުންތަކާއި، ދޮށީ އުމުރުގެ އަންހެނުންގެ "އަންޑާ-ގާމެންޓްސް"އާއި، ނުރައްކާ ވީޑިއޯ ގޭމްތަކުގެ އިސްތިހާރުތަކެވެ.

ޓެބްލެޓެއް ހިފައިގެން އިން ކުޑަ ކުއްޖެއް / ފޮޓޯ: މީޑިއަމް

އާލީ-ޗައިލްޑްހުޑް އުމުރުފުރާ އަށް ހާއްސަކޮށްގެން ޔޫޓިއުބްއަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯތަކުގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ ވީޑިއޯތަކުގައި އާންމު ގޮތެއްގައި 2 އިސްތިހާރު އެކުލެވެއެވެ. 3 ބައިކުޅަ 1 ބައި އިސްތިހާރުގައި 3 އިސްތިހާރު އެކުލެވެއެވެ. އަދި މީގެ 20 ޕަސެންޓް އިސްތިހާރަކީ، ކުޑަކުދިންނަށް އެއްވެސް ވަރަކަށް އެކަށީގެންވާ އިސްތިހާރުތަކެއް ނޫނެވެ. މި އިސްތިހާރުތަކުގައި އެކުލެވެނީ، އަނިޔާދޭ މަންޒަރުތަކާއި، ނޭދެވޭ ޖިންސީ އަމަލުތަކުގެ މަންޒަރުތަކާ، ޑްރަގްސްއާއި ރަލުގެ އިސްތިހާރުތަކެވެ.

ކޮމަން ސެންސް މީޑިއާގެ ހޯދުންތަކުން ދައްކާ ގޮތުގައި، އުމުރުން 8 އަހަރުން ދަށުގެ ކުދިން، މިހާރު ދުވާލެއްގެ މައްޗަށް 39 މިނެޓް ވަންދެން ވީޑިއޯ ބަލައެވެ. އެއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 2 ގުނަ އިތުރު އަދަދެކެވެ.

އާއިލީ މާލީ ތަނަވަސް ކަމުގެ ފަރަގުވެސް މިކަމުގައި ބޮޑެވެ. ދަށް އަދި އެވަރޭޖް އާމްދަނީ ލިބޭ އާއިލާތަކުގެ ކުދިންނަކީ، މުއްސަނދި އާއިލާތަކުގެ ކުދިންނަށް ވުރެ ގިނަ ވަގުތު ޔޫ-ޓިއުބް ވީޑިއޯ ބެލުމުގައި ހޭދަ ކުރާ ކުދިންކަން ކޮމަން ސެންސް މީޑިއާގެ ހޯދުންތަކުން ދައްކައެވެ.

ޔޫޓިއުބް އެޕް ޑައުންލޯޑް ކުރަން އިން ކުޑަކުއްޖެއް / ފޮޓޯ: ޕޭރަންޓްސް

ކަން މިހެން އޮތްއިރު، ޔޫޓިއުބްގައި އިސްތިހާރު ކުރުމުގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ކުދިންނަށް، ނުރައްކާ މަންޒަރު ފެންނަ މިންވަރުވެސް އިތުރުކަން ފާހަގަ ކުރަންޖެހެއެވެ. އެގޮތުން، ބެނާ އެޑްސް ފަރުމާ ކޮށްފައި ހުންނަ ގޮތުން އިލްމީ މައުލޫމާތު ބްލޮކް ކޮށްލައެވެ. ސައިޑްބާތައް ފަރުމާކޮށް ފައި ވަނީ، ބަލާ ބެލުމަށް، އެއީ ދެން އޮތް ވީޑިއޯ ކަމަށް ހީކުރެވޭ ފަދަ ގޮތަކަށެވެ. "ޕެޕާ ޕިގް" ފަދަ މަޝްހޫރު ކެރެކްޓާތަކުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގަމުން ދަނީ އިންތިހާއަށެވެ.

"ޔަންގް ކިޑްސް އެންޑް ޔޫޓިއުބް: ހައު އެޑްސް، ޓޯއީޒް އެންޑް ގޭމްސް ޑޮމިނޭޓް ވިއުއިންގް" ނަމުގައި އާންމު ކޮށްފައިވާ ދިރާސާއަށް މައުލޫމާތު އެއްކޮށްފައި ވަނީ، އުމުރުން 8 އަހަރާއި 8 އަހަރުން ދަށުގެ 191 ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކިބައިންނެވެ. އަދި މި ދިރާސާގައި 1600 ޔޫޓިއުބް ވީޑިއޯ ބޭނުން ކޮށްފައި ވެއެވެ.