ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތް ނިންމުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.
އެކަމާ ގުޅޭގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ އަދި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން މިމަހު 15 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ 85 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެގޮތުން ގާޒީ އަބްދުލްބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް މަޖިލީހަށް މިއަދު އެކޮމިޝަނުން ފޮނުވާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މެޖިސްޓްރޭޓް މުލްހާ ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނިކޮށް މެޖިސްޓްރޭޓް މުލްހާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އެބަޔާނުގައި ބުނެއެވެ.
ގާޒީ އަބްދުލްބާރީ އާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ އަބްދުލްބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި އެ މުއްދަތުގައިޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި އެވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލަ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން ބުނީ އެމައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު އާއި ގާޒީ އަބްދުލްބާރީ އާ ގާތް ގުޅުމެއް އޮތްކަމާއި ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ އަބްދުލްބާރީ ބައިވެރިވިކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އެއިރުގެ ނައިބު ރައީސް އަދީބު ފޮނުވުމަށް ގާޒީ އަބްދުލްބާރީ އެ ހުކުމް ދިންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ހަމަ އެހެންމެ ޝަރީއަތްތައް އެއިރު ސަރުކާރުން ބޭނުންވި ގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ އަބްދުލްބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައި ދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި ހަމަ އެ ދުވަސްވަރު ކުރީގެ ނައިބުރައީސް އަދީބުގެ ފަރާތުން ފަސް ލައްކަ ދިވެހި ރުފިޔާ ގާޒީ އަބްދުލްބާރީއަށް ދީފައިވާ ކަމަށް ތަހުގީގުން އެނިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ ގާޒީ އަބްދުލްބާރީ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން އޭނާ ދައްކާފައިވާއިރު އެފައިސާއަކީ ގާޒީ އަބްދުލްބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި އެކޮމިޝަނުން ކުރި ތަހުގީގުން އެނގިފައިވާ ކަމަށެވެ.
ގާޒީ އަބްދުލްބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ އާ ބެހޭގޮތުން ޖިނާއީ ތަހުގީގު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ކޮމިޝަނަށް އަންގާފައިވާތީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ގާޒީ އަބްދުލްބާރީ ހުރީ ސަސްޕެންޑްކުރެވިފައެވެ.
މެޖިސްޓްރޭޓް މުލްހާގެ މައްޗަށް ތަހްގީގުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މެޖިސްޓްރޭޓް މުލްހާ ދިފާއި ވަކީލުންނާއެކު ވަކިން ބައްދަލުކުރުމާއި ގާތް ގުޅުން ބާއްވާކަމާއި މައްސަލަތަކުގެ ދިފާއީ ވަކީލުންގެ ގޮތުގައި ހިމެނޭ ވަކީލުން މެޖިސްޓްރޭޓް މުލްހާ ދިރިއުޅޭ ގެއަށް ގޮސް މުލްހާ އާ ބައްދަލުކޮށްފައިވާ ކަމަށް ތަހުގީގުން އެނގޭ ކަމަށް ޖޭއެސްސީން ބުނެއެވެ.
އޭގެ އިތުރުން އޮކްޓޫބަރު 19، 2019 ވަނަ ދުވަހު މެޖިސްޓްރޭޓް މުލްހާގެ ކޮއްކޮ ހައްޔަރުކުރި މައްސަލައިގައި ހެކި ނައްތާލައި ހެއްކަށް ނުފޫޒު ފޯރުވައި ތަހުގީގަށް ހުރަސްއަޅައި ދަތިކުރުމަށްޓަކައި މެޖިސްޓްރޭޓް މުލްހާ އަމަލުކުރިކަމާއި މުލްހާގެ ކޮއްކޮގެ ބަންދުގެ މަޖިލިސް ކުރިޔަށް ދިޔަ ދުވަހު ކޯޓުގެ މުވައްޒަފުންނަށް ގުޅައިގެން އޮންނަ އިޖްރާއަތާ ހިލާފަށް އެމައްސަލައިގެ ލިޔުންތައް ހޯދުމަށް މުލްހާ މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެއެވެ.