2021 ވަނަ އަހަރަށް ކަނޑައެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓަށް ފައިސާ ހޯދުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކޮށް ލޯނު ނެގުމަށް ސަރުކާރުން ނިންމާފައި ވަނީ ދައުލަތް ބަނގުރޫޓުވެ އިތުރުގޮތެއް ނެތިގެން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ވިދާޅުވީ ހަރުމުދާ ވިއްކަން ޖެހުނީ "މޮޅު ނޫ އިގްތިސޯދީ ސިޔާސަތާ" ގުޅިގެން ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ޓެގް ކުރައްވާ، ޖަމީލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ވިއްކާލަނީ ހަމަ ހަގީގަތުގައި ވެސް ބަނގުރޫޓު ވުމުން ކަމަށާއި އަދި އެކަމަކީ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

މީގެ އިތުރުން ރައްޖޭގެ ރޭޓިން ދަށްވެ، ސޮވެރިން ގެރެންޓީ ވެސް ގަބޫލު ނުކުރާ ހިސާބަށް ދިޔައީތޯ ޖަމީލް ވަނީ ސުވާލު އުފެއްދަވާފައެވެ.

ޖަމީލު އެފަދައިން ވިދާޅުވެފައި ވާއިރު، ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކޮށް ލޯނު ނެގުމަށް ސަރުކާރުން ނިންމައިފައި ވާ ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީއިން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބަޖެޓުގައި ހިމަނައިގެން ބޭރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފާގެ މަތީން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނެންސިންގެ އިންސްޓްރުމެންޓެއް ކަމަށެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި މިއަހަރުގެ ބަޖެޓުގައި އެ ސުކޫކު ހިމެނުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ސުކޫކުގެ އެކި ކަންތައް ސާފުކޮށްދީފައިވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ސުކޫކު ވިއްކުމަށް މަސައްކަތްކުރަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދި ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއެކު ކަމަށާއި އޭގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކަކަށް ވުން ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން ބުނީ ސުކޫކު ވިއްކުމަށްޓަކައި އެސެޓެއްގެ ގޮތުގައި ދަރުމަވަންތައް ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ހޮސްޕިޓަލު އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށާއި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލު ރަހުނު ނުކުރާނެ ކަމަށްވެސް ފިނޭންސުން ބުނެއެވެ.

މީގެ އޮތުރުން އެ މިނިސްޓްރީން ބުނީ، 2017 ވަނަ އަހަރުގައިވެސް ދައުލަތަށް ފައިސާ ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން އެފަދަ ސުކޫކު ވިއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށާ، ނަމަވެސް އެއިރު ގާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކާ ގުޅިގެން ސުކޫކު އިޝޫކުރެވިފައި ނުވާ ކަމަށެވެ.