ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، އެމެރިކާގެ ބައޮޓެކްނޮލޮޖީ ކުންފުނި، މޮޑާނާއިން ތަރައްގީ ކުރަމުން އަންނަ ވެކްސިން، 94.5 ޕަސެންޓަށް ވުރެ ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އާންމު އުސޫލުން އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ބޭނުން ކުރަން ފެށުމުގެ ކުރިން ފުރިހަމަ ކުރާ އެންމެ ފަހު މަރުހަލާގެ ތަހުލީލުތަކުގެ އިބްތިދާއީ މުރާޖާތަކާ ހަވާލާދީ، މޮޑާނާގެ ވެކްސިންގެ 94.5 ޕަސެންޓް ކާމިޔާބު ކަމަށް އެ ކުންފުނިން ހާމަ ކޮށްފައި ވަނީ ބައޮއެންޓެކާއި ފައިޒާގެ ވެކްސިން، 90 ޕަސެންޓް ކާމިޔާބު ކަމަށް، ވަގުތީ ނަތީޖާތަކުން ދައްކާފައި ވާ ކަން ހާމަކުރިތާ މާ ގިނަ ދުވަހެއް ނުވެއެވެ.
މޮޑާނާއާއި ފައިޒާއިން ތަރައްގީ ކުރަމުން އަންނަ ވެކްސިން ތަކަކީވެސް ގާތްގަނޑަކަށް އެއް ޓެކްނޮލޮޖީއެއް ބޭނުން ކޮށްގެން ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކެކެވެ. މި ވެކްސިންތައް ތަރައްގީ ކުރުމުގައި ބޭނުން ކުރަނީ ބައޮލޮޖިކަލް ސެލްތަކުގައި އެކުލެވޭ މުހިންމު މެކްރޯމޮލެކިއުލްއެއް ކަމަށްވާ ރީބޯނިއުކްލިއެއިކް އެސިޑް (އާރްއެންއޭ) މެސެންޖާ ޓެކްނޮލޮޖީއެވެ. އާރްއެންއޭގެ ދައުރަކީ ޑީއެންއޭއިން މެސެޖު ފޯރުކޮށްދިނުމެވެ. މުހިންމު ޖެނެޓިކް އިރުޝާދުތަކެއް އާރްއެންއޭގައިވެއެވެ. މިއި ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދީގެން މިހާތަނަށް ބޭނުން ކުރަމުން އަންނަ ވެކްސިނެއް އުފެއްދުމުގައި ބޭނުން ކޮށްފައި ވާ ޓެކްނޮލޮޖީއެއް ނޫނެވެ.
މޮޑާނާއާއި ފައިޒާގެ އިންގިލާބީ ވެކްސިނާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެތައް މިލިއަން ފުރާނައެއް ސަލާމަތް ކުރުމުގެ އުއްމީދު މިވަނީ އަނެއްކާވެސް އާވެފައެވެ.
މޮޑާނާގެ ވެކްސިނަށް މައުލޫމާތު އެއްކޮށްފައި ވަނީ، 30000 އަށް ވުރެ ގިނަ ވޮލަންޓިއަރުންގެ ކިބައިންނެވެ. މި ތަހުލީލުގައި ބައިވެރިވި އެއްވެސް ވޮލަންޓިއަރެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ބުނެވިދާނެ ކަމަށް މޮޑާނާއިން ބުނެއެވެ.
މޮޑާނާގެ މި އުފާވެރި ހަބަރާއެކު އެކުންފުނީގެ ހިއްސާގެ އަގުތައް ވަނީ، އެމެރިކާގެ ބާޒާރުތަކުގައި 9 ޕަސެންޓް އުފުލިފައެވެ.
ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް، ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު، އެންމެ ފަހު މަރުހަލާގައި 11 ވެކްސިން ކެންޑިޑޭޓެއް އެބަ އޮތް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ބައެއް ވެކްސިންތަކުގެ ޑޯޒްތައް މިއަހަރުގެ ފަހުކޮޅު އާންމު ކޮށް ދެވެން ފަށާނެ ކަމުގެ ފެހި ސިގުނަލްވެސް މިހާރު ދަނީ ލިބެމުންނެވެ.