ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިމަހު 17 ގައި ދެ އަހަރު ފުރޭއިރު ސަރުކާރުން ވައުދުވި ކަންކަން ކޮށްދެވިފައި ނުވާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން "އެފް" ރިޕޯޓު ދިނީ ސިޔާސީ ގޮތުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ދެ އަަހަރާ ގުޅޭ ގޮތުން ދިން އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ "އެފް" ރިޕޯޓެއް ދިނުމުން އެއީ އެއްވެސް އަސްލެއް ނެތް ސިޔާސީ ވާހަކަތަކެއް ކަން އެނގޭ ކަމަށެވެ.

މިހާރު އޮތީ ސިޔާސީ ހަލަބޮލިކަން، ސިޔާސީ ވާދަވެރިކަން. މިހެން މި ކަންކަން ހުރި އިރުގައި އެފް ރިޕޯޓެކޭ ބުނީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ އެއީ ސިޔާސީ އެއްޗެއް ކަން. ސީ ރިޕޯޓެކޭ ވިދާޅުވި ނަމަ އަޅުގަނޑުމެން ސީރިއަސްކޮށް، އެ ބޭފުޅުން އެ ފާހަގަކުރައްވަނީ ކޮންކޮން ކަމެއްތޯ ބަލައިލަން ބޭނުން
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ މީގެ ކުރިން ގޯސްކޮށް ހިނގަމުން އައި ކަންކަން ބަދަލުވުމާ އެކު ރައްޔިތުންގެ އުއްމީދު ބޮޑުވެއްޖެ ކަން ސަރުކާރަށް އެނގޭ ކަމަށެވެ.

އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރައްވާފައިވަނީ ދެ އަހަރުން ރައްޔިތުންނަށް ހޯދައި ދެވުނު އަމާން ކަމެވެ. އޭގެ އިތުރުން އިސްލާހީ ބަދަލުތަކެއް ގެނެސް ރައްޔިތުންނަށް އިންސާފު ލިބުމުގެ އިހުސާސް ކުރެވެން ފަށާފައިވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

މިމަހު 10 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ސަރުކާރުގެ މި ދެ އަހަރަކީ ރައްޔިތުންނަށް ގެއްލުނު ދެ އަހަރު ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ރާއްޖޭގައި ބޮޑެތި މުންކަރާތްތައް އިތުރުވެފައިވާ ކަމަށާއި ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަކުރުން އާންމުވަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވެފައެވެ.

ޝަރީފު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން މަސައްކަތް ނުކުރާ ކަމަށާއި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވާނެ ހަރުދަނާ ޕްލޭނެއް ސަރުކާރުގެ ނެތް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދިވެހި މަސައްކަތްތެރިންގެ ހުނަރުވެރިކަމާއި ގާބިލުކަން އިތުރުކުރުމަކަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ވަޒީފާގެ ފުރުސަތުތައް މަދުވެ ވަޒީފާ ނުގެއްލޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ސަރުކާރަށް ނުދެވުނު ކަން ވެސް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.

ޝަރީފު ވިދާޅުވީ ކޯލިޝަން ސަރުކާރުގެ ހިންގުން އިންތިހާއަށް ލަސްވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ވީ ވައުދުތަކެއް ނުފުއްދޭ ކަން ފާހަގަކުރައްވާ މި ސަރުކާރަށް ދޭނީ 'އެފް' ރިޕޯޓެއް ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށާއި ދިވެހި ގައުމަށް ހެޔޮއެދޭނަމަ އަވަސް އިންތިހާބަކަށް ދިއުމަކީ ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.