އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކާ ބައްދަލުކުރައްވާފައި ވަނިކޮށް އެ މެމްބަރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމާއެކު، އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ކަރަންޓީނުވެވަޑައިގެންފިއެވެ.

އަމިއްލަފުޅަށް ކަރަންޓީނުވެވަޑައިގެން ހުންނެވި ޖޯންސަންއަކީ، މީގެ ކުރިން ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެ ބަލީގެ ސީރިއަސް ފައްތަރެއްގައި ދުވަސްތައް ގުނުއްވި ބޭފުޅެކެވެ.

ޖޯންސަން ވިދާޅުވީ އިނގިރޭސިވިލާތުގެ ކޮންޓެކްޓް ޓްރޭސިންގް ޓީމުން މައުލޫމާތު ހިއްސާ ކުރައްވާފައި ވާ ކަމަށެވެ. ނަމަވެސް ހަށިކޮޅުން، ބަލީގެ އެއްވެސް އަލާމާތެއް އަދި ފެނިވަޑައިނުގަންނަވާ ކަމަށްވެސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ އިޖާބައަށް، ގޭގައި ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

ހަށިކޮޅުން ބަލީގެ އަލާމާތެއް ނުފެނު ކަމުގައި ވީ ނަމަވެސް، ނުވަތަ މީގެ ކުރިން އަލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ހަށިކޮޅުގައި އެންޓިބޮޑީޒް ހުރުމުގެ ފުރުސަތު އޮތެއް ކަމަކު ގަވައިދު ވާނީ ގަވައިދަށް ކަމަށެވެ. ގަވައިދުތައް ހަދާފައި ވަނީ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ކަމަށްވެސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

އިނގިރސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި ލީ އެންޑަސަންއާއެކު ޖޯންސަން ވަނީ ގާތްގަނޑަކަށް 35 މިނެޓެއްހާއިރު ހޭދަ ކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް-19 ފެތުރިފައިވާ ގޮތަށް ބަލާއިރު، ކޭސް ނަމްބަރުގެ ގޮތުން އިނގިރޭސިވިލާތް އޮތީ 7 ވަނައިގައެވެ. އިނގިރޭސިވިލާތުން ރެކޯޑް ކޮށްފައި ވާ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ވަނީ 1369318 އަށް އަރާފައެވެ. އަދި މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 51934 އަށް އަރާފައެވެ.